ބާސެލޯނާގެ އެކަޑަމީ "ލަ މާސިއާ" ގެ ކުޅުންތެރިން މެޗަކަށް ތައްޔާރު ވަނީ

ރެއާލަށްވުރެ ބާސާގެ އެކަޑަމީ ރަނގަޅު

ބާސެލޯނާގެ ޔޫތު އެކަޑަމީ “ލަ މާސިއާ” އަކީ ޒުވާން ކުޅުންތެރިން އުފެއްދުމުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެކަޑަމީ އެކެވެ.

ލަ މާސިއާއިން ޒުވާން ކުޅުންތެރިން އުފެއްދުމުގައި ވިދާލީ 1990 ގެ އަހަރު ތަކުގަ އެވެ. އޭރު ޕެޕް ގާޑިއޯލާގެ ބެލުމުގެ ދަށުން ޔޫތު އެކަޑަމީއިން ބާސެލޯނާގެ ސީނިއާ ޓީމަށް ގާތްގަނޑަކަށް ފުރަތަމަ 11 ހަމަވާ ވަރަށް ކުޅުންތެރިން އުފެއްދި އެވެ. އޭގެ ތެރޭގައި ޖެރާޑް ޕީކޭ، ސާޖިއޯ ބުސްކަޓްސް، ޒަވީ ހެނާންޑޭޒް، އަންދްރޭސް އިނިއެސްޓާ، ލައިނަލް މެސީ އަދި ސެސްކް ފެބްރިގާސް ހިމެނެ އެވެ. މި ކުޅުންތެރިން ވަނީ ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

އަދި މިހާރަށް ބެލި ނަމަވެސް ލަ މާސިއާއިން ބާސެލޯނާގެ ސީނިއާ ޓީމާއި ގުޅިފައި ތިބި ކުޅުންތެރިންގެ އަދަދު މަދެއް ނޫނެވެ. ކުޅުމުގެ ފެންވަރަށް ބަލާލި ނަމަވެސް އެ ކުޅުންތެރިން އަންނަނީ ފުޓްބޯޅައިގެ ޖައްވުގައި ފިޔަ ޖަހަމުންނެވެ. އެގޮތުން ބާސެލޯނާގެ އެކަޑަމީއިން އުފެދުނު ޕެޑްރީ، އަންސޫ ފަޓީ، ގަވީ އަދި ނިކޯ އަންނަނީ މިހާރު ސީނިއާ ޓީމަށް ކުޅެމުންނެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމަކީ ބާސެލޯނާއިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސްޕެއިންގެ ޒުވާން ތަރި ގަވީ އަކީ މިފަހުން ފެނުނު އޭގެ އެންމެ އަލިގަދަ ހެއްކެވެ. ގަވީ ވަނި އުމުރުން 17 އަހަރާއި 60 ދުވަހުގައި ސްޕެއިންގެ ސީނިއާ ޓީމުގައި އޭނާގެ ފުރަތަމަ ޑިބަޓް ހަދާފަ އެވެ. މިއާއެކު އޭނާއަށް ވަނީ އެންމެ ޅަ އުމުރުގައި ސްޕެއިން ޓީމަށް ކުޅުނު ކުޅުންތެރިޔާގެ ލަގަބު ލިބިފަ އެވެ. އަދި ބާސެލޯނާގެ މެދު ތެރެއިން އޭނާ އަންނަނި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މިހާރު ބާސެލޯނާގެ މިޑްފީލްޑަށް ކުޅޭ ކުޅުންތެރިންގެ އެވެރެޖް އުމުރަކީ 18 އަހަރެވެ.

މިއާ ހިލާފަށް ރެއާލް މެޑްރިޑުން ފެންނަނީ މުޅިން ތަފާތު ސަގާފަތެކެވެ. އެކަޑަމީން މޮޅެތި ކުޅުންތެރިން އުފައްދައި ސީނިއާ ޓީމަށް ގެންނަތަން ފެންނަނީ މަދު ފަހަރެއްގަ އެވެ. އެ ކުޅުންތެރިންނަށް ޖެހެނީ ޓީމުން ޖާގަ ނުލިބި އެހެން ކްލަބް ތަކަށް ބަދަލުވާށެވެ. މާކޯސް ލޮރެންޓޭ އާއި މާރިއޯ ހާމޯސޯ އަކީ މިކަމުގެ ވަރަށް ރަނގަޅު މިސާލެކެވެ.

ގިނަ ފަރަށް ރެއާލްގެ ފަރާތުން ފެންނަ މަންޒަރަކީ އެކަޑަމީން ކުޅުންތެރިން އުފެއްދުމަށް ފަހު ލޯނު އުސޫލުން އެހެން ކްލަބް ތަކަށް ދޫކުރާ މަންޒަރެވެ. އަދި ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެކި ތަންތަނުން ގަނެގެން ޓީމަށް ގެންނަ މަންޒަރެވެ. އެކަޑަމީން އުފައްދާ ކުޅުންތެރިންނަށް ޓީމުން ޖާގަ ލިބެނީ ލޯނު އުސޫލުން އެހެން ކްލަބް ތަކަށް ކުޅެ ރަނގަޅު ކުޅުމެއް ދެއްކިއްޖެއްޔާ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!