ބައެއް ފަނޑިޔާރުން އުއްތަމަ ފަނޑިޔާރާ އެކު ބައްދަލުވުމެއްގައި

ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރާ ކަމެއް ނުުކުރަން އެދެފި

ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރާނެ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން އިލްތިމާސް ކޮށްފި އެވެ.

ބަޔާނަކުން ވަކި ކަމަކަށް އިލްތިމާސް ކުރި ނަމަވެސް އެކަމަށް އިލްތިމާސް ކުރި ވަކި ސަބަބެއް ޖަމިއްޔާ އިން ހިއްސާ ކޮށްފައެއް ނުވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންނަކީ ވެސް އެހެން ރައްޔިތުން ފަދައިން މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށްވާތީ ފަނޑިޔާރަކު މައްސަލައެއް ނިންމުމުން އެ ފަނޑިޔާރަކާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަ، ސޯޝަލް މީޑިއާ އާއި އެ ނޫންވެސް ތަންތަނުގައި ފާޅު ކުރުމަކީ ފަނޑިޔާރުންގެ މަސައްކަތާ މެދު ސުވާލު އުފެއްދުން ކަމަށެވެ.

ފަނޑިޔާރުންނަށް ބިރު ދެއްކުމަކީ އަދުލު އިންސާފުގެ ދާއިރާ އާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދި ޝަރުއީ ދާއިރާ ހަރުދަނާކޮށް، އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވާނެ ކަމެއް ކަމުގައި ވެސް ޖަމިއްޔާ އިން ދެކެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫއަރައި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ފަނޑިޔާރުން ޖެހިލުންވުމަކީ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްއެޅިގެން ދާނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރާ ގޮތަށް އަމަލުކުރުމަކީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ ރައްކާތެރިކަން ގެއްލުވާލުމަށް ހުޅުވާލެވޭ ދޮރެއް ކަމަށްވެސް ސިފަކޮށްފައިވެެ އެވެ.

“ވީމާ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށާއި ފަނޑުޔަރުން މަސައްކަތް ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފުވާ ކަމަށް ދެކޭ ނަމަ އެކަންކަމާ ގުޅޭ ގޮތުން އަމަލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތުގެ ތެރެއިން އަމަލުކުރުމަށް ޖަމިއްޔާ އިން އިލްތިމާސް ކުރަމެވެ،” ބަޔާނުގައިވެ އެވެ.

ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރާ ގޮތަށް އަމަލުނުރުމަށް އެދިފައި މިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅަށް މީހަކު ވަދެ އެ ތަނުގައި ހުރި ސީސީޓީވީ ސިސަޓަމް ހަލާކުކޮށްލާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ނިމިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައެއްގައި ބައެއް މެންބަރުން ވަނީ ފަނޑިޔާރުންގެ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަދައްކަވާފަ އެވެ. އަދި މީގެދުވަސްކޮޅެއް ކުރިން ފަނޑިޔާރުން ތަކެއްގެ އޯޑިއޯ ތަކެއް ކަމަށް ބުނާ އޯޑިއޯ ތަކެއް އާންމުވުމާ ގުޅިގެންވެސް ފަނޑިޔާރުންނަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!