އަސްރުގެ “ޕްރޭ އެން ޖޯއި” މި މަހު

ކުޑަކުދިންނަށް ހާއްސަކޮށްގެން އަލް އަސްރު ޖަމިއްޔާ އިން ކުރިއަށް ގެންދާ “ޕްރޭ އެން ޖޯއި” ނަމާދު ކޭމްޕް މިމަހު ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ކުޑަކުދިންގެ ހިތުގައި ނަމާދަށް ލޯބި ޖައްސައި ނަމާދަށް އަހުލުވެރި ކުރުމަށް އަސްރު އިން ވަނީ 2015 ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް “ޕްރޭ އެން ޖޯއި”ގެ ނަމާދު ކޭމްޕް މާލެ އާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޕްރޮގްރާމްތައް މެދުކަނޑާލުމަށް މި ހިނގާ އޮކްޓޯބަރު މަހު “ޕްރޭ އެން ޖޯއި” ނަމާދު ކޭމްޕް މާލެގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

އެ ޖަމިއްޔާގެ ރައީސް ނިޝާމް އަންވަރު ވިދާޅުވީ އަސްރުގެ “ޕްރޭ އެން ޖޯއި” ނަމާދު ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފުރަތަމަ ޓާމްގެ މިޑްޓާމް ބްރޭކާ ދިމާކޮށް އޮކްޓޯބަރު މަހުގެ 16 އަދި 17 ދެ ދުވަހު ކަމަށެވެ. ކޭމްޕް އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލްގައެވެ.

މި ޕްރޮގްރާމަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ހިނގާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަން ފާހަގަކުރައްވަމުން ނިޝާމް ވިދާޅުވީ މިފަހަރުގެ ކޭމްޕްގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 7 އަހަރާއި 9 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށެވެ. އަދި ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުވެސް ކޮންމެ ކުއްޖެއްގެ އަތުން ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިން އަހަރުތަކުގައި އާންމުކޮށް 200 ކުދިންނާއި އެކު ކުރިއަށް ގެންދާ “ޕްރޭ އެން ޖޯއި” ކޭމްޕްގައި މިފަހަރު ޖާގަ ދިނުމަށް ޕްލޭންކޮށްފައިވަނީ 50 ކުދިންނަށް ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.

މި ކޭމްޕްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޝައިހް ސާޖިދު މުހައްމަދު އަދި އިސްލާމީ މަރުކަޒުގެ އިމާމް ޝައިހް އިބްރާހިމް ރަޝީދެވެ. ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ކޭމްޕްގެ ހެނދުނު ސެޝަން ކުރިއަށް ދާނީ ހެނދުނު 08:30 އިން 11:30 ކަމަށެވެ. އަދި މެންދުރުފަހު ސެޝަން ކުރިއަށް ދާނީ 13:30 އިން 17:30 އަށެވެ. އަދި ކޭމްޕްގައި ކުޑަކުދިން ބައިވެރިވާތީ ހަމައެކަނީ ކިޔަވައި ދިނުމުގެ ބަދަލުގައި ތަފާތު މަޖާ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ އެވެ.

“މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޭމްޕްގައި ބައިވެރިވާ ކުދިންގެ ކަންކަން މެނޭޖްކުރާނެ އަންހެން ވޮލަންޓިއަރުން މަދުވުން” ނިޝާމް ވިދާޅުވިއެވެ.

އެހެންކަމުން ކޭމްޕްގައި ބައިވެރިވާ ކުދިންގެ ކަންކަން މެނޭޖް ކުރަން ބޭނުންވާ އަންހެން ވޮލަންޓިއަރުން ތިބި ނަމަ އެކަމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ވޮލަންޓިއަކުރަން ބޭނުން ނަމަ އަސްރުގެ ހޮޓްލައިން 7925277 އަށް އެސްއެމްއެސް އެއް ނުވަތަ ވައިބާ ކުރުމަށް ނުވަތަ ސޯޝަލްމީޑިއާ ކޮންމެ ޕްލެޓްފޯމެއް މެދުވެރިކޮށް މެސެޖު ފޮނުވުމަށް ވަނީ އެދިފައެވެ.

“ޕްރޭ އެން ޖޯއި” އާއި ގުޅޭ ޕޯސްޓްތައް އަލްއަސްރުގެ އިންސްޓަގްރާމް ޕޭޖް އަދި ފޭސްބުކް ޕޭޖްގައިވަނީ ހިއްސާކޮށްފައިވާއިރު، ކޭމްޕްގައި ރެޖިސްޓަވުމަށް ގޫގްލް ޝީޓް (ރަޖިސްޓްރޭޝަން)[https://docs.google.com/forms/d/e/1FAIpQLSfnxOHz6I5T7IlHrdJOcce92nlwWN6uHEKj3D0jNfjCzb-ZKg/viewform] ފޯމެއްވެސް ވަނީ ހިއްސާކޮށްފައެވެ.

ދިވެހިންގެ ދީނީ ހޭލުންތެރި ކަމަށް މަސައްކަތް ކުރާ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި އަސްރު ފާހަގަކުރެވިފައިވާއިރު އެ ޖަމިއްޔާއިން ގެންދަނީ ވަރަށް ގިނަ ދީނީ ޕްރަގްރާމްތައް ރާއްވާ ހިންގަމުންނެވެ. އަދި އެކި ވޯކްޝޮޕްތަކާއި ކޭމްޕްތައްވެސް ހިންގައެވެ. ޒުވާނުންނާއި ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ހިންގޭ މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!