ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފި

ޔޫރަޕްގެ ގައުމެއް ކަމަށްވާ ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި މިއަދު ހުޅުވައިފި އެވެ.

ކޮންސިއުލޭޓް ހުޅުއްވައިދެއްވީ ޗެކް ރިޕަބްލިކްގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މިލާން ހޮވޮކް އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޗެކްގެ ސަފީރު މިލާން ވިދާޅުވީ ރާއްޖޭގައި ހުޅުވި އޮފީހުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

“ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވުމުން މި ގައުމުގައި ދިރިއުޅޭ ޗެކް ރިޕަބްލިކްގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެސް ލިބިގެންދާނެ،” ސަފީރު ވިދާޅުވި އެވެ.

ފޮރިން ސެކްރެޓަރީ ގަފޫރު ވިދާޅުވީ ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ކޮންސިއުލޭޓް މެދުވެރިކޮށް އެއްވެސް ދަތި ކަމަކާއި ނުލާ ވިސާ ލިބޭނެ ކަމަށެވެ. އަދި އެ ގައުމާއި ގުޅޭ ކަންކަމުގައި ދިވެހިންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

“ކުރިއަށް އޮތް ތަނުގައި ކޮންސިއުލޭޓްގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ” ގަފޫރު ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!