ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް

ގާސިމްއާ ގުޅުވާ ދައްކާ ވާހަކަތައް ދޮގުކޮށްފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝަކުވާ ދަންނަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ދެންމެ ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މައްސަލައިގައި ގާސިމްގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ރައީސް އަރިހުގައި ޝަކުވާ ދަންނަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވިއެވެ.

“މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަޅުގަނޑުގެ ނަޒަރުގައި މިއީ ގާސިމަށް އޮތް ލޯތްބާއި އިހުތިރާމް ނަގާލަން ބަޔަކު ގަސްތުގައި ދައްކަމުންދާ ވާހަކަތަކެއް،”

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 7،000 ރުފިޔާ ކަނޑައެޅުމަށްފަހު އެކަން ތަންފީޒުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަނީ ލަފާ ދީފައެވެ. އެ ލަފާގައި ޓޫރިޒަމް ދާއިރާގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 10،000 ވަނީ ކަނޑައަޅަން ލަފާދީފައެވެ.

މިނިމަމް ވޭޖް ބޯޑުން ދީފައިވާ ލަފާގައިވާ ގޮތުން އެންމެ ކުޑަ އުޖޫރައަކީ 7،000 އެވެ. ނަމަވެސް އެއީ ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒިފުންނަށެވެ. ނަމަވެސް ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ މުވައްޒިފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި ޕަބްލިކް ސެކްޓަރަށް ކަނޑައަޅާފައިވަނީ ގަޑި އިރަކަށް 33.65 ރުފިޔާ އެވެ.

އެ ލަފާގައި ބުނެފައިވަނީ މަހަކު 7000 ރުފިޔާ މިނިވަން ވޭޖަކީ މިހާރު ޕަބްލިކް ސެކްޓަރު މަސައްކަތް ކުރާ މަދު ގަޑިއަށް ބަލާފައި ޕަބްލިކް ސެކްޓަރަށް ހާއްސަކޮށް ހެޔޮ ބަދަލެއް ގެނައުމަށް ހުށައެޅި އަދަދެއް ކަމަށެވެ. ސިވިލްސާވިސްގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މިހާރު ލިބެނީ ގަޑިއިރަކަށް 53.03 ރުފިޔާ އެވެ. ލަފާގައި ބުނަނީ ޕްރައިވެޓް ސެކްޓަރާއި ޕަބްލިކް ސެކްޓަރާ މިހާރު ހުރި މަސައްކަތު ގަޑީގެ ތަފާތުތައް ކުޑަކުރުމަށްޓަކައި ޕަބްލިކް ސެކްޓަރުގައި މިހާރު މަސައްކަތް ކުރާ ގަޑިތައް ޕްރައިވެޓް ސެކްޓަރާ އެއްގޮތް ކުރަން ހުށައަޅާ ކަމަށެވެ. އަދި މި ބަދަލަށް ފަހު ޕަބްލިކް ސެކްޓަރުގެ މިނިމަމް ވޭޖް މުރާޖާ ކުރުމަށްފަހު އަލުން ކަނޑައަޅަން ހުށައަޅާ ކަމަށްވެސް ލަފާގައިވެއެވެ.

ބޯޑްގެ ލަފާގައި އިތުރަށް ބުނެފައިވަނީ އެހެން ހުރިހާ ވަޒީފާތަކެއްގައި މިނިމަމް ވޭޖު ކަނޑައަޅާނީ ޕްރައިވެޓް ސެކްޓަރަށް ކަނޑައެޅި ބީދައިން އެހެން ނަމަވެސް ހަމައެކަނި މުވައްޒިފުންގެ އަދަދަށް ބިނާކޮށް އެ ތަނެއް ނިސްބަތްވާ ވިޔަފާރީގެ ފަންތި (ކުދި، މެދު ނުވަތަ ބޮޑު) އަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށެވެ.

ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ ކަނޑައަޅަން ލަފާދީފައިވެއެވެ. އެ ލަފާގައި ބުނެފައިވަނީ އެ އަދަދާ ހަމައަށް ވާސިލުވެފައިވަނީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކުގެ މާލީ ހާލަތުގައި ހުރި ފަރަގު ރިއާޔަތްކޮށް މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅޭ ރޭޓަށް ވުރެ ކުޑަ ރޭޓެއް ކަނޑައެޅުމަށް ފެންނާތީއެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ. މި އަދަދަކީ ޕަބްލިކް ސެކްޓަރަށް ދޭން ކަނޑައަޅާފައިވާ ރޭޓެވެ.

ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 42.79 ރުފިޔާ ކަނޑައަޅާފައިވަނީ ވަޒީފާ އަދާކުރާ ފަރާތާއި އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތަކުގެ މިންގަނޑުގެ ދަށުން އެންމެ އެކަށީގެންވާ ކަމަށް ބޯޑުން ކަނޑައަޅާފައިވާ ނުވަތަ “އޮޕްޓިމަމް” ހަރަދުތަކުގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ހަރަދުތައް ވަޒީފާ އަދާކުރާ ދެ މީހުން ހިއްސާވާ ގޭބީސީއަކުން ބޭނުންވާނެ އަދަދު ކަމަށް ކަނޑައެޅިގެން ދިޔަ އަދަދަށް ވާ ރޭޓަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!