ޝާހިދުގެ ޝަރަފުގައި މިއަދު ބޭއްވި ޖާފަތުގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސްރައީސްގެ ދެކަނބަލުން ޝާހިދަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޝާހިދުގެ ޝަރަފުގައި ރައީސް ޖާފަތެއް ދެއްވައިފި

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ޖާފަތެއް ދެއްވައިފި އެވެ.

ޝާހިދުގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަގާމު ޝާހިދު ފުރުއްވާ ކަމީ ރާއްޖެއަށް ލިބޭ ފަހުރަކާ ޝަރަފެއް ކަމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އެކީ ރާއްޖެއަށް ހަރުދަނާ ފާލަމެއް އެޅިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން މިންޖުވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބައިނަލްއަގްވާމީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީއަށް ވެސް އެހެން ގައުމުތަކުގެ ހިއްސާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވި އިންނެވުމަކީ ރާއްޖެއަށް މިފަދަ ކަންކަމުގައި ލިބޭ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މި ޖާފަތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވިއިރު ލިބިވަޑައިގަތް އެންމެ ބޮޑު ޝަރަފަކީ ރައީސް ސޯލިހު ދިވެހި ބަހުން ވާހަކަފުޅު ދެއްކެވި ވަގުތުކޮޅު ކަމަށެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އަދި އެއްފަހަރު އާންމު މަޖިލީހުގައި ބައިވެރިވިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ވަނީ ރައީސަށް ދައުވާތު ދެއްވާފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށާއި ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން އދ. ގައި ބާއްވާ ހާއްސަ ބައްދަލުވުންތަކުގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަށް ޝާހިދު ވަނީ ދައުވަތު ދެއްވާފަ އެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުއްވާފަ އެވެ.

ޝާހިދުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އެމެރިކާއަށް ވަޑައިގަންނަވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!