އައިއޯސީސީގެ ބައެއް އިސް ބޭފުޅުން --

އައިއޯސީސީގެ ހިންގާ ކޮމިޓީ އެކުލަވާލައިފި

ގައުމީ ފެންވަރުގައި އިސްލާމީ ސަގާފަތާއި ހަޟާރަތު ކުރިއަރުވަން މަސައްކަތް ކުރުމަށް އުފެއްދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ހިންގާ ކޮމިޓީ އެކުލަވާލައިފި އެވެ.

ހިންގާ ކޮމިޓީ އެކުލަވާލުމަށްޓަކައި ރޭ ބޭއްވި ބައްދަލުވުމުގައި އައިއޯސީސީގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ އެޑްވައިޒަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މީގެ އިތުރުން ހަތަރު ނާއިބު ރައީސުން ވެސް ވަނީ އިންތިހާބުކޮށްފައެވެ. ވައިސް ޕްރެޒިޑެންޓް ޖެންޑާ އެންޑް ޝޯޝަލް އެފެއާޒްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ދީނީ ޢިލްމުވެރިޔާ ޑރ. އަނާރާ ނައޫމެވެ. ވައިސް ޕްރެޒިޑެންޓް ކަލްޗާ އެންޑް ސިވިލައިޒޭޝަންގެ ގާމަށް އިންތިހާބު ކޮށްފައިވަނީ ޑރ. މޫސާ އަންވަރު ހަސަނެވެ. ވައިސް ޕްރެޒިޑެންޓް ރިސާޗް، ސައެންސް އެންޑް ޓެކްނޮލޮޖީގެ ގާމަށް އިންތިހާބު ކޮށްފައިވަނީ ޑރ. އިސްމާއީލް ޝަފީއުއެވެ. އަދި ވައިސް ޕްރެޒިޑެންޓް އިންޓަނޭޝަނަލް އެފެއާޒްގެ ގާމަށް އިންތިހާބު ކޮށްފައިވަނީ އަލީ އަހުސަނެވެ.

މި ބައްދަލުވުމުގައި ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށާއި އިސްލާމިކް އެޑްވައިޒަރީ ކައުންސިލުގެ މަގާމުތަކުގެ އިތުރުން އިންޓަނޭޝަނަލް އެޑްވައިޒަރުންނާއި ހާއްސަ ދާއިރާތަކުގެ މުސްތަޝާރުންނާއި އެންވޯއީންވެސް ވަނީ ކަނޑައަޅާފައެވެ.

‎ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ފަހު އައިއޯސީސީގެ ފަރާތުން މި އަހަރު ކުރުމަށް އިސްކަންދޭނެ ކަންކަން ވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އައިއޯސީސީގެ އިސްތިރާތީޖީ ޕްލޭން އެކުލަވާލައި ވެބްސައިޓެއް ހެދުމާއި އިސްލާމްދީނުގެ ޝާމިލު ފިކުރީ ތަސައްވުރެއް ނެރުމާއި ގައުމީ ފެންވަރުގައި އިސްލާމީ އަހުލާގު އާލާކޮށް ދިރުވުމަށް “މަކާރިމުލްއަހުލާގު” ގެ ނަމުގައި ސިލްސިލާ ޕްރޮރްގާމެއް ހިންގުމާއި ދިވެހި އިސްލާމީ ގައުމިއްޔަތުގެ އަސާސްތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ދިވެހިރާއްޖޭގެ ހިދުމަތްތެރި ގައުމީ ލީޑަރުންނާއި ރަސްރަސްކަލުންނާއި އިސްލާމީ ތާރީހުގެ މުހިންމު ޝަޚުސިއްޔަތަކާ ބެހޭ ގޮތުން ޕްރޮގްރާމްތައް ތައްޔާރުކުރުމާއި އިސްލާމީ ހަޟާރަތުގެ އަސާސްތައް ތައާރަފްކުރުމާއި އިސްލާމީ ހަޟާރަތުން ހޯދި ކާމިޔާބާއި ކުރިއެރުންތަކާއި އިސްލާމީ ހަޟާރަތު އަލުން އިއާދަކުރުމަށް ބާރު ދިނުމުގެ ގޮތުން އިސްލާމީ ހަޟާރަތާ ގުޅޭ ވީޑިއޯ ލެކްޗާ ސީރީޒެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

އަދި އިސްލާމީ ތަރުބިޔަތާއި އަހުލާގާއި ސަގާފަތާއި ހަޟާރަތަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓީވީ ޗެނަލްތަކާއެކު އެއްބަސްވުން ހެދުމާއި އައިއޯސީސީގެ މަލްޓި ޑިސިޕްލިނަރީ ރިސާޗް ޖާނަލް “އަލްމަނާރު” ނެރުމާއި އައިއޯސީސީ “ތިންކު ޓޭން” ގާއިމުކޮށް އިޖްތިމާއީ، އިގުތިސާދީ ތަރުބަވީކަންކަމާމެދު އިލްމީ ގޮތުން ދިރާސާކޮށް، އިލްމީ އުސޫލުތަކުގެ މައްޗަށް ގާއިމުވެގެންވާ ހައްލުތައް ނެރުން ހިމެނެއެވެ،

މީގެ އިތުރުން ހަޔާ އެޑިއުކޭޝަން އިނިސްޓިޓިއުޓެއް ޑިވެލޮޕް ކުރަން މަސައްކަތް ކުރުމާއި ހާފިޒުން އުފެއްދުމަށް މަސައްކަތް ކުރުމާއި އަރަބި ބަހާއި އިސްލާމީ ތަރުބިޔަތު ދިރުވައި އާލާކުރަން މަސައްކަތް ކުރުމާއި އިންސާނީ ހިދުމަތްދޭ މުއައްސަސާއެއް ޑިވެލޮޕްކުރުމުގެ އިތުުރުން ބޭރުގެ ބަސްބަހުން ލިޔެވިފައި ހުންނަ އިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި އިސްލާމީ ތަފާތު ދާއިރާތަކުން ދިރާސާތައް ފަބްލިޝް ކުރުމަށް ވަނީ ނިންމާފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!