ރައީސް ސޯލިހް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކަނޑޫދޫ އަށް ކުރެއްވި ޒިޔާރާތުގައި އެރަށުގެ ދަނޑުވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދަނޑުވެރިންގެ ދުވަހަށް ރައީސް ސޯލިހު ކަނޑޫދޫ އަށް ވަޑައިގަންނަވަނީ

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. ކަނޑޫދޫ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު 15 ފާހަގަކުރަން ނިންމެވީ ރައީސް ސޯލިހުގެ ސަރުކާރުންނެެވެ. މިއީ އެގޮތުން ފާހަގަކުރާ ފުރަތަމަ ދަނޑުވެރިންގެ ދުވަހެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހާއި މި އަހަރުގެ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމެވިކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ކަނޑޫދޫ އަށް ކުރެއްވި ޒިޔާރާތުގަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ ރައީސް އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހު ހަވީރު ކަމަށެވެ.

ރައީސްގެ ދަތުރުފުޅުގައި އެރަށުގެ ދަނޑެއްގައި ބޭނުންކުރާ ހާއްސަ ސިސްޓަމެއް އިފްތިތާހު ކޮށްދެއްވުމަށްފަހު ކާބޯތަކެތީގެ މައުރަޒެއް އެ ދުވަހުގެ ހަވީރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ ކަނޑޫދޫގައި ބާއްވާ ރަސްމީ ޖަލްސާގައި ވެސް ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

“ޖަލްސާ އަށް ފަހު ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށާއި މެހްމާނުން ދެއްވާ ހާއްސަ ޖާފަތެއް ވެސް ވަނީ އިންތިޒާމު ކުރެވިފައި،” ރީހާން ވިދާޅުވި އެވެ.

ކަނޑޫދޫ އަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ހާއްސަކޮށް އެ ރަށުގައި ހައްދާ މިރުހަކީ މަގުބޫލު ބާވަތެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!