އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

މިދިޔަ އަހަރު ޓީޗަރުން ކުރި މަސައްކަތަށް ޝުކުރު ހައްގު

ކޮވިޑްގެ ހާލަތުގައި މުދައްރިސުން ކުރި މަސައްކަތާއި ވެދެއްވި ގުރުބާނީ ތަކަށް ޝުކުރު ހައްގު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު މުދައްރިސުންވީ ގުރުބާނީ ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއް ޖީލަކަށް ވުރެ އަނެއް ޖީލެއް ހޭލުންތެރިވެ ތަހުޒީބު ވުމުގެ ސިއްރަކީ މުދައްރިސުންނާއި ބެލެނިވެރިން ކަމަށެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކީ “ކިޔަވައިދިނުން އިހު އޮތް ގޮތަށް އިޔާދަ ކުރުމުގެ ހިތަކީ މުދައްރިސުން” އެވެ. މިނިސްޓަރު ވިދާޅުވީ މި އިބާރާތުން ދޭހަ ކޮށްދެނީ ކޮވިޑްގެ ދަތި ހާލުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުން ކަމެވެ. އަދި ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ގެނެސްދިނީ މުދައްރިސުން ކަމަށެވެ. މީގެ އިތުރުން ކޮވިޑާއި ގުޅިގެން ސިއްހީ މަސައްކަތްތެރިންނާއި އެހެނިހެން ދާއިރާ ތަކުގެ މަސައްކަތްތެރިން އިހްތިފާލް ކުރިގޮތަށް މުދައްރިސުންގެ ރޯލު ފާހަގަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިފަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކަށް “ކިޔަވައިދިނުން އިހު އޮތް ގޮތަށް އިޔާދަ ކުރުމުގެ ހިތަކީ މުދައްރިސުން” ކަމަށް ޔުނެސްކޯ އިން ހަމަޖެއްސީ މި ސަބަބު ތަކަށް ޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވަނީ މިހާރު ޓީޗަރުންގެ ގޮތުގައި ތިބި މުދައްރިސުންގެ އިތުރުން ކުރީގެ މުދައްރިސުންނާއި ސްކޫލްތައް ހިންގުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަކަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުވާފަ އެވެ. އަދި އެފަރާތް ތަކުން ވަމުންދާ ގުރުބާނީ ތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

ކޮވިޑްގެ ދުވަސްވަރުގައި މުދައްރިސުން، ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ގެނެސްދިންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މުދައްރިސުން ޖެހުނީ މީގެ ކުރިން ނުކުރާ މުޅިން އާ ކަންތައްތަކެއް ކުރަން ކަމަށެވެ. އަދި މުޅިން އާ ވަސީލަތް ތަކާއި އެކު ކުރިން ނުކިޔަވައިދޭ ގޮތަކަށް ކިޔަވައިދޭން ކަމަށެވެ.

“މުދައްރިސުން މިގޮތަށް ކަންތައް ނުކުރި ނަމަ ދަރިވަރުންނަށް ވާނެ ގޮތް، ގޭބީސީގެ އިޖްތިމާއީ ދިރިއުޅުމަށް އަންނާނެ ހުސްކަން އަޅުގަނޑަށް ދަންނަވާކަށް ވެސް ނޭންގެ” މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މުދައްރިސުންގެ މި މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވަނީ މުދައްރިސުންނަށް ޝުކުރާއި އެކު ސާބަސް ދެއްވާފަ އެވެ.

ކަމެއް އިހު އޮތްގޮތަށް ބަދަލުކުރަން ޖެހޭނީ އެކަމަކަށް ހީނަރު ކަމެއް އައުމުން ކަމަށާއި ކޮވިޑްގެ ހާލަތުގައި ކިޔަވައި ދިނުމުގެ ނިޒާމަށް ބަލިކަށި ކަމެއް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މެދުކެނޑުމަކަށް ފަހު އިންޓަނެޓްގެ ޒަރިއްޔާއިން ކިޔަވައިދިނުން ކުރިއަށް ގެންދިޔަ ނަމަވެސް، ކުރިން ކިޔަވައިދޭ ފެންވަރަށް ކިޔަވައިދެވިފައި ނުވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ދިމާވި މައްސަލައެއް ކަމަށާއި މިހާރު ކުރެވެން އޮތް ކަމަކީ އިހު އޮތްގޮތަށް އިޔާދަކުރުން ކަމަށެވެ. ގެއްލުނު ފިލާވަޅުތައް ނަގައި ހަމަކުރުމުގެ އިތުރުން ނުދެވުނު ތަރުބިއްޔަތާއި އުނގަންނައި ނުދެވުނު ސުލޫކު ދަރިވަރުންނަށް އަލުން އުނގަންނައިދިނުން ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!