ބޮޑީބިލްޑިން މުބާރާތުގައި ރިހި މެޑަލް ހޯދި މުހައްމަދު ރަޝީދާއި މުހައްމަދު މޫސާ މެދުގައި

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖެއަށް ދެ ރިހި މެޑަލް

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މުހައްމަދު ރަޝީދާއި މުހައްމަދު މޫސާ ރިހި މެޑަލް ހޯދައިފި އެވެ.

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރެ އެވެ.

މުހައްމަދު ރަޝީދާއި މުހައްމަދު މޫސާގެ އިތުރުން ރާއްޖޭގެ ޓީމުގައި ހިމެނެނީ ފަތުހުﷲ މުހައްމަދާއި، އަޒްނީން ރަޝީދާއި، އިބްރާހީމް ނަބީލާއި، ހުސައިން ހިމްޔާން އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި މުހައްމަދު ރަޝީދު ރިހި މެޑަލް ހޯދީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި އޭނާ އަށް މެޑަލްއެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މުހައްމަދު މޫސާ ރިހި މެޑަލް ހޯދީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވާދަކޮށްގެންނެވެ. ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި މުހައްމަދު މޫސާ ވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވެސް ލޯ މެޑަލް ހޯދާފަ އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ ބޮޑީބިލްޑިިން ފެޑެރޭޝަން (ބީބީއޭއެމް) އިން ބުނީ މިއަހަރު ލިބުނު ކާމިޔާބީއާ އެކު އިތުރު ކާމިޔާބީތައް ހޯދައި ކުރިއަށް އޮތް އަހަރުތަކުގައި ރަންވަނަ ތަކެއް ހޯދުމަށް ހިތްވަރު ލިބިއްޖެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!