ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ކޮލިޓީ ދަށް ވެގެނެއް ނޫން: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ޓަވަރުތަކުގެ ބައެއް ފްލެޓްތަކުގައި ހުރި ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ކޮލިޓީ ދަށްވެގެން ނޫން ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު މިއަދު “ސަން”އަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ އެޗް3 އާއި އެޗް 4 ގެ ބިއްލޫރިގަނޑު ކަމަށާއި މި ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ކޮލިޓީ ދަށް ވެގެން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. “ފްލެޓުތަކުގައި ހުންނަ ބިއްލޫރިގަނޑުގައި ކޮލިޓީ ހުންނާނެ. ކުޑަދޮރުތަކުގައި ބިއްލޫރިގަނޑު ހަރުކުރި ފަހުން ދެ އަހަރުވީ އިރު ވެސް މިފަދަ މައްސަލައެއް މިއައީ އަލަށް. މި މައްސަލައަކީ 14،000 ކުޑަދޮރުތަކާ އަޅާބަލާއިރު ކޮލިޓީ ދަށެކޭ ބުނެވެން ނެތް ކަމެއް،” މަޝާރު ވިދާޅުވިއެވެ. މަޝާރު އިތުރަށް ވިދާޅުވީ އެޗްޑީސީގެ ޕްރޮޖެކްޓް ޑިޕާޓްމެންޓް ސްޓާފުން ހިންގި ތަހުގީގުން އެނގިފައިވާ ގޮތުގައި އެޗް3 ގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ގުދުރަތީ އެއްވެސް ހާދިސާއެއް ދިމާވެގެން ނޫންކަމަށެވެ. އަދި މި މައްސަލަ ދިމާވީ ކޮންމެވެސް އެއްޗަކުން ޖެހިގެން ކަން ހާމަވެފައިވާ ކަމަށެވެ. ހަމައެހެންމެ އެޗް4 ގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ނަގާފައި ހުރުމުގެ ސަބަބުން، ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ސަބަބެއް ބުނަން ނޭނގޭ ކަމަށް ވެސް މަޝާރު ވިދާޅުވިއެވެ. ހިޔާ ފްލެޓްތަކުގެ ކުޑަދޮރުގައި ހަރުކޮށްފައި ހުންނަ ބިއްލޫރިގަނޑަކީ ޓެމްޕާޑް ގްލާސްއެއް ކަމަށާއި އެއީ ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ވަރުގަދަ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބިއްލޫރިތައް އަވީގެ ހޫނުގެ ސަބަބުން ތަޅައިގެން ދިޔުމަކީ ވެދާނެކަމެއްކަމަށް ހިޔާ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް ވަނީ މިދިޔަ ހޮނިހިރު ދުވަހު “ސަން”އަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ފްލެޓަށް ފެން ވަނުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. ހަމައެއާއެކު ފްލެޓްތަކުގައި ހުންނަ ޑްރެއިން ހޮޅިތައް ބެދުމުގެ މައްސަލަ ވެސް ދިމާވަމުން އަންނަކަމަށް ހިޔާ ޔޫނިއަނުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!