ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ/ އެންއީއޯސީ

ސިއްހީ މަސައްކަތްތެރިންގެ މުސާރަ ޖަމާކޮށް ނިންމައިފި

ރާއްޖޭގެ ބައެއް ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވި ނަމަވެސް މިހާރު ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށް ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަނޫން “ސަން”އަށް ވިދާޅުވީ ސިއްހީ މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށް ނިމިފައިވާ ކަމަށެވެ. “ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ޖަމާކުރުން ލަސްވީ ސިސްޓަމަށް އައި ބަދަލަކާ ގުޅިގެން. ސިސްޓަމަށް ބައެއް މައުލޫމާތު ހިމެނުމުގައި ބައެއް ތަންތަނުގައި ލަސްވެގެން ޖަމާނުކުރެވުނީ. އެހެންނަމަވެސް މިހާރު ޖަމާކުރެވިފައި ހުންނާނީ،” ޝަނޫން ވިދާޅުވިއެވެ. ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ލިބުން ލަސްވަނީ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓްކުރަމުން އަންނާތީ ކަމަށް ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޝޫބާ ވެސް ވަނީ “ސަން”އަށް ވިދާޅުވެފައެވެ. ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ލަސްވެފައިވާތީ ބައެއް މުވައްޒަފުން ވަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއިން ވަނީ ނ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، ޏ. އަތޮޅު، ހއ. އަތޮޅު، ބ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ މަހު މުސާރަ ޖަމާކުރެވުނުއިރު ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް ވަރަށް ބޮޑެތި އަދަދުތަކުން މުސާރަ ޖަމާވެފައިވެއެވެ. މައްސަލަ ފެންމަތިވުމާއެކު ފިނޭންސް މިނިސްޓްރީން ވަނީ މުވައްޒަފުންނަށް އިތުރަށް ޖަމާކުރެވުނު އަދަދު އަނބުރާ ނެގުމުގެ މަސައްކަތް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!