ސާފް ޗެމްޕިއަންޝިޕް 2021: ސްރީލަންކާ – ނޭޕާލް | ޕްރިވިއު

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ސްރީލަންކާ އާއި ނޭޕާލެ އެވެ. މި ދެޓީމުގެ ތެރެއިން ލަންކާއަ އަކީ މީގެ ކުރިން މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައިވާ ޓީމެކެވެ. ނަމަވެސް ނޭޕާލަށް އަދި މިހާތަނަށް މި މުބާރާތުގެ ތަށި ހޯދިފައެއް ނުވެއެވެ. މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު، މި ދެޓީމުން ކުރެ ކޮންމެ ޓީމެއްވެސް ވަނީ މިހާތަނަށް އެއް މެޗު ކުޅެފައެވެ. އެގޮތުން ސްރީލަންކާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝާއި ވާދަކޮށް 0-1 އިން ބަލިވެފައިވާއިރު، ބޭޕާލް ވަނީ އެޓީމުން މުބާރާތުގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 0-1 އިން ކާމިޔާބު ކޮށްފައެވެ. މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު މި މެޗަކީ ދެޓީމަށްވެސް ސެމީއަށް ދިއުމަށް ވަރަށް މުހިންމު މެޗެކެވެ. މިރޭގެ މި މެޗުން ލަންކާ ބަލިވެއްޖެ ނަމަ އެޓީމަށް ސެމީއަށް ދިއުމަށް އޮތް ފުރުސަތު ބޮޑުތަނުން ހަނިވެގެންދާނެއެވެ. އަނެއްކޮޅުން މިރޭގެ މެޗުން ނޭޕާލް މޮޅުވެއްޖެ ނަމަ އެޓީމު ސެމީއަށް ދިއުމަށް އޮތް ފުރުސަތު ބޮޑުވެގެންދާނެއެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. ނޭޕާލް ނޭޕާލް މިރޭގެ މެޗަށް ނިިކުންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު ހިންހަމަ ޖެހުމަކީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދިފައިވުމެވެ. އެހެން ކަމުން ފުރަތަމަ މެޗުން ނެރުނު ހިތްވަރު އަލުން ނެރެ މިރޭގެ މެޗުން މޮޅެއް ހޯދުމަށް ނޭޕާލް އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ. ނޭޕާލަކީ ސާފް ޗެމްޕިއަންޝިޕް މުބާރާތް މިހާތަނަށް އަދި ކާމިޔާބު ކުރެވިފައިނުވާ ޓީމެވެ. އެޓީމަށް މުބާރާތުގެ އެންމެ ދުރަށް ވެސް ދެވިފައިވަނީ ސެމީފައިނަލާ ހަމައަށެވެ. މި މުބާރާތުގައި ނޭޕާލަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީވެސް ސެމީއަށް ދަތުރު ކުރެވުމެވެ. ނެޕާލް ސެމީއަށް ދަތަުރުކޮށްފައިވަނީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައާއި 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތާއި އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތުގައެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސެމީއިން ނޭޕާލް ބަލިވެ މުބާރާތުން ކެޓީ ރާއްޖެއާއި ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާ އިން ބަލިވެގެންނެވެ. މި މުބާރާތުގެ ސެމީއިން ނޭޕާލް ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސްރީލަންކާ މިރޭގެ މެޗަށް ކުރިމަތިލާއިރު، ލަންކާއަށް އޮތް އެންމެ ބޮޑު ހިތްދަތި ކަމަކީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެފައި އޮތުމެވެ. އެހެން ކަމުން މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދަން އެޓީމަށް މަޖުބޫރެވެ. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ލަންކާއަށް މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ހުރަސްތަކާއި ކުރިމަތިވާނެއެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމަށް މޮޅެއް ހޯދުން ވަރަށް މުހިންމެވެ. ސައުތް އޭސިއަން ޒޯން ރޭންކިންގްގެ ހަތް ވަނާގައި މިވަގުތު އޮތް ސްރީލަންކާއަކީވެސް ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ލަންކާއަކީވެސް 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ވެސް ހަމަ ރަނގަޅެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ނެރެފައިވާ ނަތީޖާތަކުގެ ރެކޯޑްތަކަސް ބަލާއިރު، އެގައުމުން ވަނީ އެންމެ ފުރަތަމަ ވާދަކުރި މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅެފައެވެ. އަދި ޖެހިގެން އައި އަމިއްލަ ގައުމުގައި 1995 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތާއި 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ލަށް ލަންކާ ވަނީ ދަތުރު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭޝްގައި ވޭއްވުނު މުބާރާތުން ލަންކާ ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ. ސްރީލަންކާ އަދި ނޭޕާލްގެ ތާރީޚީ ކުރިމަތި ލުންތަށް ލަންކާ އާއި ނޭޕާލް މީގެ ކުރިން 17 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ހަ ފަހަރު ލަންކާ މޮޅުވެފައިވާއިރު، ނޭޕާލަށް ލަންކާގެ މައްޗަށް ކުރި ހޯދިފައިވަނީ އެންމެ ތިން ފަހަރުއެވެ. އަނެއް އަށް ފަހަރު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ބައްދަލުކޮށްފައިވަނީ ފަސް ފަހަރުއެވެ. ތިން ފަހަރު ލަންކާ މޮޅުވެފައިވާއިރު، ނޭޕާލަށް މޮޅުވެވުނީ އެންމެ ފަހަރަކުއެވެ. އެއްފަހަރު އެއްވަރުވެފައިވެއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ނޭޕާލުންނެވެ. ސްރީލަންކާ އަދި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 9:00 ގައެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!