ފުވައްމުލަކު ހޮސްޕިޓަލް

ކުއްޖާ މަރުވި މައްސަލަ މިނިސްޓްރީން ބަލަނީ

ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އަންހެން ކުއްޖާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އުމުރުން ހަ އަހަރުގެ ސަދާ ސައުދު އަހްމަދު ހުސައިން އިއްޔެ ހެނދުނު ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ ބަނޑަށް ތަދުވެ ހޮޑުލާތީ އެވެ. ފުވައްމުލަކު މުހައްމަދު ޖަލާލުއްދީން ސްކޫލުގައި ކިޔަވަމުން ދިޔަ ސަދާ މަރުވީ ހޮސްޕިޓަލުން އިންޖެކްޝަނެއް ޖެހި ފަހުން އިއްޔެ އިރު އޮއްސެނިކޮށެވެ.

ސަދާގެ މަރުގެ މައްސަލާގައި ފުވައްމުލަކު ހޮސްޕިޓަލުން ވާހަކައެއް ނުދައްކަ އެެވެ. އެކަމަކު އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހިއްސާ ކުރަން ހޮސްޕިޓަލްގައި އެދިފައިވާނެ ކަމަށެވެ. އެ މައުލޫމާތު ލިބުމުން ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

“ސިއްހީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެހެންވެ އެ މައުލޫމާތުތައް ހިއްސާ ކޮށްދިނުމަށް އަޅުގަނޑުމެން ވެސް ވާނީ ހޮސްޕިޓަލްގައި އެދިފައި. އެކަމަކު އެ މައުލޫމާތު އަދި ނުލިބޭ،” މޭޔަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ ސަދާއަށް ފަރުވާ ދިނުމުގައި އަމަލުކުރި ގޮތާއި ބޭނުންކުރި ބޭސްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ހޮސްޕިޓަލްގައި އެދިފައިވާނެ ކަމަށެވެ.

“އެ މައުލޫމާތު ލިބުމުން އެ މައްސަލަ ބަލައި ކަމާ ގުޅޭ ރިޕޯޓެއް އަޅުގަނޑުމެން އެކުލަވާލާނަން. އެއަށްފަހު މައްސަލާގައި އިހްމާލު ވެފައިވާ އެއްވެސް ފަރާތެއް ފާހަގަ ވާނަމަ އެ ފަރާތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދޭނަން،” އޮފިޝަލް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!