ރައީސް ޔާމީން އާއި ދިފާއީ ވަކީލުން ސުޕްރީމް ކޯޓުގައި

ގާޒީންގެ އޯޑިއޯތައް ހުށަހެޅުމަށްފަހު ވާހަކައެއް ނުދެއްކި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ހެކީގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު އެ އޯޑިއޯތައް އަނބުރާ ގެންގޮސްފި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

މި މައްސަލައިގައި މިއަދު ކުރިއަށް ދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އާ ހެކިތަކާ ގުޅިގެން ވާހަކަ ދެއްކުމެވެ. އަދި ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވާހަކަ ދެއްކުމެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އާ ހެކިތަކެއްގެ ގޮތުގައި 14 ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އޭގެތެރޭގައި ލީކުވި ކަމަށް ބުނާ ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އޯޑިއޯތައް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ހެކިތަކާ ގުޅިގެން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި އެ ހެކިތަކާ ގުޅިގެން ވާހަކަ ނުދައްކަވާނެ ކަމަށާއި ހެކިތައް ދޫކޮށްލަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީންގެ ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވި އެވެ.

އޯޑިއޯ ތަކުގައި އިވެނީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ބެންޗުގައި ތިއްބެވި ފަނޑިޔާރުން ކަމަށްވާ ހުސައިން ފާއިޒު ރަޝާދާއި، އަލީ އާދަމް އަދި މުހައްމަދު ސަމީރުގެ އަޑު ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އެ މައްސަލަ ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިތުރަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްއާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު އެވެ. މި ދެ ހެކި ހުށަހަޅާފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތްޕުޅުގައި ރައީސް ޔާމީންގެ ފައިސާ ހުރިކަން ސާބިތުކޮށްދިނުމަށް ކަމަށް ޝިޔާޒް ވަނީ ފާހަގަކުރައްވާފަ އެވެ.

އިތުރަށް ހުށަހަޅާފައި ވަނީ އަދީބު 2015 ވަނަ އަހަރު ދީފައިވާ ނިއުސް ކޮންފަރެންސެއްގެ ވީޑިއޯއަކާއި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ އާންމު ވެފައިވާ އޯޑިއޯއެއްވެސް ވަނީ ހުށަހަޅާފަ އެވެ. އެ އޯޑިއޯ އެނަލިސިސްއެއް ހެއްދެވިންތޯ އާއި އެއީ މުއައްވިޒްގެ އަޑުކަން ކަށަވަރުކުރާނީ ކިހިނެއްތޯ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެއްސެވި އެވެ.

ނަމަވެސް އެފަދަ އެނަލިސިސް އެއް ހައްދަވާފައި ނުވާ ކަމަށާއި އަދި ހެދެން ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފަނޑިޔާރު އިތުރަށް ވަނީ އެ ހެކިތައް ސުޕްރީމް ކޯޓުން ބަލައިގަންނާނެ ހާލަތްތަކާއި އެ ހެކިތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ދިރާސާ ރައީސް ޔާމީންގެ ފަރާތްޕުޅުން ނުކުރައްވާތީ ރިޔާސަތުން ވަނީ އެ ޝަރުތުތައް ވިދާޅުވެދެއްވާފަ އެވެ.

ހެކިތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައި ވަނީ އެ ހެކިތަކަކީ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށް ކަނޑައަޅައިދެއްވުމަށެވެ. ސަބަބަކީ އެ ހެކިތަކަކީ ސުޕްރީމް ކޯޓަށް ހުށަހަޅާ ހެކިތަކުގައި ހުންނަ ޝަރުތުތައް ހަމަނުވާތީ އާއި ބައެއް ހެކިތަކަކީ ހައިކޯޓު މަރުހަލާފައި ވެސް ހުށަހެޅޭނެ ހެކިތަކެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅިގެން ވާހަކަދެއްކުމެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!