ސާފް ޗެމްޕިއަންޝިޕް 2021: އިންޑިއާ – ބަނގްލަދޭޝް | ޕްރިވިއު

ހަމަ އެކަނި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. މި ދެ ޓީމަކީވެސް މި ސަރަހައްދުގެ ފުޓުބޯޅައިގައި ނަން މަޝްހޫރު ދެޓީމެވެ. މި ދެޓީމަކީ ވެސް މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވާ ދެޓީމެވެ. މީގެ ތެރެއިން އިންޑިއާ އަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ޓީމެވެ. ބަންގްލަދޭޝްއަށް މި މުބާރާތުގެ ތަށި ހޯދިފައިވަނީ އެންމެ ފަހަރަކުއެވެ. މި އަދުގެ މެޗަށް ދެޓީމު ނިކުންނައިރު، ބަންގްލަދޭޝްއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާއާއި ދެކޮޅަށް ކުޅެ މޮޅުވެފައި އޮތުމެވެ. އަނެއްކޮޅުން މި މެޗަކީ އިންޑިއާ މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗަށް ނިކުންނައިރު، ދެޓީމުވެސް އޮތީ ވަރަށް ފޯމުގައެވެ. މި އަދުގެ މި މެޗުން އިންޑިއާގެ މައްޗަށް ބަންގްލަދޭޝްއިން ކުރި ހޯދައިފިނަމަ އެޓީމަށް މުބާރާތުގެ ސެމީއަށް ދިއުމަށް ވަރަށް ބޮޑަށްތަނުން މަގު ފަހިވެގެންދާނެއެވެ. ބަންގްލަދޭޝް ސައުތް އޭސިއަން ޒޯން ފަސްވަނާގައި މިވަގުތު އޮތް ބަނގްލަދޭޝް އަކީ ވެސް ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. ނަމަވެސް ބްނގްލަދޭޝް އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކޮންމެވެސް ވަރެއްގެ ތާރީޚެއް އޮތް ގައުމެކެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ އެގާރަ މުބާރާތެއްގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ނެރެފައިވާ ނަތީޖާތައް ވެސް މާ ގޯހެކޭ ބުނެވޭކަމަށް ނެތެވެ. 1993 ވަނަ އަހަރު ފެށިގެން މިހާތަނަށް ކުޅެވުނު ބާރަ މުބާރާތުގެ ތެރެއިން އެގާރަ މުބާރާތުގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ. ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރެކޯޑުތަކަށް ބަލާލާއިރު، އެގައުމުން އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރީ 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީއަށް ބަނގްލަދޭޝް ދަތުރު ކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އެގައުމު ބަލިވީ އިންޑިއާއާއި ވާދަކޮށެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތް ބޭއްވުނީ ބަނގްލަދޭޝްގައެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަކަން ބަނގްލަދޭޝް އިން ވަނީ ހޯދާފައެވެ. މި މުބާރާތުގެ ތަށި އިންޑިއާއިން ނެގީ ފައިނަލުގައި ރާށްޖެ ބަލިކޮށެވެ. މިއީ މި މުބާރާތުގައި ބަނގްލަދޭޝްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. 2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު މުބާރާތުގައި ވެސް ގަނގްލަދޭޝް އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. މި ފައިނަލުންވެސް އެގައުމު ބަލިވީ އިންޑިއާ އަތުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ބަނގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ. 2009 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ހަތަރު މުބާރާތުގައި ބަނގްލަދޭޝްއަށް މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ. ކީ ޕްލޭޔަރ ބަނގްލަދޭޝް އަކީ ނިސްބަތުން މާ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެއް ނޫނެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތޭގައި ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރ ޖަމާލް ހެރިސް ބުޔަން ފާހަކޮށްލެވެއެވެ. އުމުރުން 31 އަހަރުގެ ބުޔަން އަކީ ޑެންމާކަށް އުފަން ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 15 އަޖަރުގައި ޑެންމާކުގެ ސުޕަލީގުގެ ޓީމެއް ކަމުގައިވާ ބްރޮންޑްބީ އައިއެފްއިންނެވެ. ޑެންމާކުގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ބުޔަން ބަނގްލަދޭޝްއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. އެގޮތުން ބަނގްލަދޭޝްގެ ޝައިޚް ޖަމާލް ދަމްބޮންޑިއާއި ޝައިޚް ރުސެލް ކޭއެފްސީ އަށް ވަނީ ކުޅެފައެވެ. ބުޔަން މިހާރު ކުޅެމުން އަންނަނީ ބަނގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ސައިފް ސްޕޯޓިން ކުލަބަށެވެ. ސައިފް ސްޕޯޓިންގް ކުލަބަކީ ބަނގްލަދޭޝް ލީގުގެ ހަތަރުވަނާގައި އޮތް ކުލަބެވެ. ބުޔަން ބަނގްލަދޭޝްގެ ގައުމީޓީމުގައި ހިމެނިގެން އެންމެ ފުރަތަމަ ކުޅެން ފެށީ 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. ބުޔަން ވަނީ ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް 12 މެޗު ކުޅެދީ އެއް ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބަންގަލަދޭޝްގެ ސީނިއާ ގައުމީޓީމަށް 53 މެޗު ކުޅެދީފައެވެ. އިންޑިއާ އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ. ފީފާ ރޭންކިންގެ 107 ވަމާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 11 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ. އިންޑިއާ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ މުޅި މުބާރާތުގައި ޖުމްލަ 52 މެޗު ކުޅެ 34 މެޗުން މޮޅުވެފައެވެ. ދިހަ މެޗުން އެއްވަރުވިއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ. ކީ ޕްލޭޔަރ އިންޑިއާއަކީ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް ފުޓްބޯޅަ ލީގު އޮންނަ ހުނައރުވެރި ތަރިން ގިނަ ގައުމެވެ. އެހެން ކަމުން ސާފް ގައުމުތަކުގެ ތެރެއިން އެންމެ ފެންވަރުގެ ގޮތުން ރަނގަޅު ކުޅުންތެރިން ތަކެއް ތިބޭ އެއްގައުމަށް އިންޑިއާވާނެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތްރީއެވެ. ޗެތްރީއަކީ މިވަގުތު އިންޑިއާގެ ނަމްބަރ ވަން ފުޓްބޯޅަ ކުޅުންތެރިއާއެވެ. ޕޯޗުަލްގެ ތިންވަނަ ޑިވިސަން ކުލަބެއް ކަމުގައިވާ ސްޕޯޓިން ސީޕީއަށް ވެސް ކުލެފައިވާ ތަޖުރިބާކާރު ފޯވާޑް އަންނަނީ އިންޑިއާގެ ގައުމީޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިހާރު އިންޑިއާ ސުޕަލީގުގެ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ފޯވާޑް ވަނީ އިންޑިއާގެ ގައުމީޓީމަށް މިހާތަނަށް 120 މެޗު ކުޅެދީ 75 ލަނޑުވެސް ޖަހައިދީފައެވެ. އިންޑިއާގެ ފުޓްބޯޅަ ތާރީޚުގައިވެސް އިންޑިއާގެ ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ޝަރަފުވެސް ލިބިފައިވަނީ ސުނިލް ޗެތްރީއަށެވެ. އިންޑިއާ އަދި ބަންގްލަދޭޝްގެ ތާރީޚީ ބައްދަލުކުރުންތައް އިންޑިއާ އަދި ބަންގްލަދޭޝް މީގެ ކުރިން 30 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން 16 ފަހަރު އިންޑިއާ މޮޅުވެފައިވާއިރު، ބަންގްލަދޭޝްއަށް މޮޅުވެވިފައިވަނީ އެންމެ ދެ ފަހަރުއެވެ. 12 ފަހަރު އެއްވަރުވެފައިވެއެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު މީގެ ކުރިން ނުވަ ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ފަހަރަކުވެސް އިންޑިއާގެ މައްޗަށް ބަންގްލަދޭޝްއަށް ކުރި ހޯދިފައެއް ނުވެއެވެ. ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. އަނެއް ފަސް މެޗު ކާމިޔާބު ކޮށްފައިވަނީ އިންޑިއާއިންނެވެ. މި ދެޓީމު ވާދަވެރި މެޗެއްގައި އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހު ކުޅެވުނު ވޯލްޑްކަޕް ކޮލިފައިން މެޗެއްގައެވެ. މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އިންޑިއާއެވެ. އިންޑިއާ އަދި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 4:00 ގައެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!