ސީޕީ މުހައްމަދު ހަމީދު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް

ދީނާ ހިލާފު އަމަލު ހިންގާ މީހުންގެ މައްސަލަތައް ބޮޑު އިސްކަމެއް ދީގެން ބަލަން: ފުލުހުން

އިސްލާމް ދީނާ ހިލާފު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ނުވަތަ މިސްކިތްތަކުގެ ހުރުމަތް ކެނޑިގެންދާފަދަ ކަންތައްތައް ކުރާ މީހުންގެ މައްސަލަތަކަކީ ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ފާހަގަވެފައިވާ ކަމަށް ބުނުމުން އެކަމަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ ވަކި ބާވަތެއްގެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކީ ނުކުޅޭދެ މީހެއް ކަމަށް ކަނޑައެޅުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ކުރާކަމެއް ނޫން ކަމަށެވެ. އަދި ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ފާހަގަ ކުރުމުން އެފަދަ ކޮންމެ މައްސަލައެއްގައިވެސް ފުލުހުން އަމަލު ކުރަނީ އެގޮތަށް ކަމަށް ދޭހަވާ ގޮތަށް ސުވާލު އުފައްދާ އަދި ފާޅުކުރަމުންދާ ޝުއޫރުތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން ކަމުގައި ދެކޭ ހާލު އެކަން ކުށްވެރި ކުރާ ކަމަށްވެސް ބުންޏެވެ.

އަދި ގާނޫނު އަސާސީ އާއި ގާނޫނުލްއުގޫބާތުގައިވާ ފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ އެންމެހައި ރައްކާތެރިކަމާއި ހިމާޔަތަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިސްލާމް ދީނާ ހިލާފު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ނުވަތަ މިސްކިތްތަކުގެ ހުރުމަތް ކެނޑިގެންދާފަދަ ކަންތައްތައް ކުރާ މީހުންގެ މައްސަލަތަކަކީ ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށްވެސް ބުންޏެވެ. އަދި މިފަދަ މައްސަލަތަކުގެ ވަށައިގެންވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު ބަލައި ފުރިހަމަ ތަހުގީގެއް ހިންގަމުން ގެންދާކަމުގެ ޔަގީންކަންވެސް ދީފައިވެއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!