އެމްޓީސީސީ އިސްވެރިން -- ފޮޓޯ: އެމްޓީސީސީ

މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕްރޮޕޯސަލެއް ފޮނުވާފައި

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ޓަކައި ބެޓެރީން ދުއްވާ ބަސްތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާއިރު މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕްރޮޕޯސަލް ފޮނުވާފައިވާ ކަމަށް ސަރުކާރުގެ ދަތުރުފަތުރާއި ކޮންޓެކްޓް މަސައްކަތަށް ހާއްސަ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕްރޮޕޯސަލް އެޕްރޫވްކުރުމަށް ފޮނުވާފައިވާ ކަަމަށާއި މިނިސްޓްރީން އެޕްރޫވް ކުރުމުން ދެން ހުރި މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މާލެ އަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި އިލެކްޓްރިކް ބަސް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް މާލޭގައި ދުއްވުމުގެ މަޤްޞަދުގައެވެ. މާލޭގެ މަގުތައް ހުންނަ ގޮތުގެ ސަބަބުން، ގެންނަ ބަސްތަކުގެ ދިގުމިނުގައި ހުންނާނީ 20 ފޫޓު ކަމަށާއި ބަހެއްގައި ދަތުރުކުރެވޭނީ 16 ފަސިންޖަރުންނަށެވެ. މާލެސިޓީއަށް ގެންނަ ބަސްތަކަކީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ގެންނަ ބަސްތަކެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތަށް މިހާ ގިނަދުވަސް ނަގާތީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އޭރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިނީބަސް ތައާރަފު ކުރުން ލަސްވެފައިވަނީ ތިމާވެއްޓާ ގުޅޭ އަދި ވަކި ސައިޒަކަށް ފެތޭ ބަސްތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ. އެގޮތުން، އެފަދަ ބަސްތަކެއް ހަދަން ބަޔަކަށް އޯޑަރު ދީގެން އެ އެއްޗެހި ތައްޔާރު ކުރުމަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!