ޑރ. މުހައްމަދު މުއިއްޒު އަދި ދިފާއީ ވަކީލުން ކްރިމިނަލް ކޯޓުގައި

ހުށަހެޅުންތައް ހުށަހަޅަން މުއިއްޒުއަށް އިތުރު ފުރުސަތެއް

ނޫމަޑި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދީފި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން މުއިއްޒުއަށް ކްރިމިނަލް ކޯޓުން އިތުރު ފުރުސަތެއް ދީފައި ވަނީ ހައިކޯޓުން މިއަދު ނިންމި ނިންމުމަކާ ގުޅިގެން، އެކަން މުއިއްޒުގެ ދިފާއީ ވަކީލް އާދަމް ޝަމީމް ޝަރީއަތުގެ ސަމާލުކަމަށް ގެނައުމުންނެވެ.

ހައިކޯޓުން މިއަދު ނިންމާފައި ވަނީ ދަށު ކޯޓުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅޭނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ މައްސަލަ ބައްދަލާ ފަނޑިޔާރު ކަނޑައެޅުއްވުމަށްފަހުގައި ކަމަށެވެ. މުއިއްޒުގެ މައްސަލައިގައި އެގޮތަކަށް ކަނޑައަޅާފައި ނުވާއިރު މިހާރު ވަނީ އިބްތިދާއީ އެއް އަޑުއެހުން މީގެ ކުރިން ބާއްވާފަ އެވެ. މިއަދު ބާއްވާފައި ވަނީ ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ވާހަކަ ދެއްކުމަށެވެ.

ހައިކޯޓުގެ މި ނިންމުމާ ގުޅިގެން ދިފާއުން ބޭނުންވީ މަދަނީ މިންގަނޑު ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ކަނޑައެޅުމަށްފަހު އަލުން އިބްތިދާއީ އަޑުއެހުންތައް ފެށުމަށެވެ.

ނަމަވެސް ގާޒީ ސޮފްވަތު ހަބީބް ވަނީ އެގޮތަށް ކަނޑައަޅައި ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވައި ގާޒީ ވިދާޅުވީ، ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެން ދިފާއަށް ހުށަހެޅުންތައް ހުށަހަޅަން އަނެއްކާ ވެސް 15 ދުވަހުގެ މުއްދަތެއް ދޭ ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުށަހެޅުންތަކާ ގުޅިގެން ދެފަރާތުން ވާހަކަ ދެއްކުމެވެ.

ނޫމަޑި މައްސަލައިގައި ދައުލަތުގެ ފަރާތުން މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ދިފާއުން ވަނީ ޖަވާބުދާރީ ވެފަ އެވެ. އެގޮތުން މުއިއްޒު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!