ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އިނާދު

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި އިނާދު ދޫކޮށްލައިފި

ރާއްޖޭގަ ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މއ. ރެސްޓިންހައުސް، އުމުރުން 42 އަހަރުގެ މުހައްމަދު އިނާދު ދޫކޮށްލައިފިއެވެ. އިނާދު ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެ މައްސަލަ ފޮނުވިތާ ތިން ދުވަހުގެ ފަހުންނެވެ. އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މައްސަލާގައި އިނާދު ހައްޔަރުކުރީ މީގެ ތިން މަސްދުވަސް ކުރިން، ޖުލައި މަހުގެ ތިންވަނަ ދުވަހުގައެވެ. އިނާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ޕީޖީއިން މިދިޔަ މަހުގެ 30 ގަ ފޮނުވީ ޓެރަރިޒަމް މަނާ ކުރާ ޤާނޫނުގެ ގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ހަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އިނާދުގެ އިންޒާރާ ގުޅިގެން އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކުރި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގަ އިންޑިއާގެ ހައިކޮމިޝަނުގެ ސެކިއުރިޓީ ވަނީ ދަށްކޮށްފައެވެ ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މި މައްސަލައާ ގުޅިގެން ވަނީ ދީފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!