ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

ގޭންގުތައް ހުއްޓުވަން ގިނަ މަސައްކަތް ކުރަންޖެހޭ: ސީޕީ ހަމީދު

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ނޮން ވަޔަލަންސް ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

ކޮމިޝަނާ ވިދާޅުވީ ގޭންގު މާރާމާރީތަކާއި އެމީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކުން މިދިޔަ ދެ އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ގޭންގު މަރާމާރީތަކާއި އެފަދަ ކުށްތަކުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަން ފާހަގަކުރެއްވި އެވެ.

ގޭންގު ތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އަދި އެކަމުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ. ގޭންގުތަކުން ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މާރާމާރީތައް ހުއްޓުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭތީ އެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާ އެކު އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ސީޕީ އުއްމީދުކުރައްވަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މާރާމާރީގެ ކުށްތައް އެންމެ ގިނައިން ހިންގާފައިވަނީ 2009 ވަނަ އަހަރު އެވެ. އެފަދަ ކުށްތައް އެންމެ ބޮޑަށް މަދުވެފައިވަނީ 2019 ވަނަ އަހަރު އެވެ.

ގޭންގުތަކުގެ މައްސަލަ ހަމައަކަށް އަޅުވަން ޕްލޭނެއް އެކުލަވާލަމުންދާ ކަމަށާއި އެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.

“މިހާރު އަޅުގަނޑުމެން މިދަނީ މިހާރުގެ ހާލަތުގައި ކޮންޓްރޯލް ކުރެވެން އޮތް އެެންމެ ބޮޑު މިންވަރަކަށް ކުރަމުން. އެކަމު ދެން އަޅުގަނޑުމެން ފަށާ މަރުހަލާ ދާނީ ވަރަށް ހޮލިސްޓިކްކޮށް [ވަށާޖެހޭގޮތަށް] ހުރިހާ މުއައްސަސާތައް އޭގައި ބައިވެރިވެގެން. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ދުރު މުސްތަގުބަލުގައި ފެނިގެން ގޮސް މި ބޮޑު މައްސަލައަށް ހައްލެއް ގެންނާނެ ދިމާލައަކަށް” އިމްރާން ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!