އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން: މަތިންދާބޯޓަށް އަރާވަޑައިގަތުމުގެ ކުރިން އެހީތެރިންނަށް އިޝާރާތް ކޮށްލައްވަނީ

ބްލިންކެން ފްރާންސާއި މެކްސިކޯއަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ދެ ދުވަހުގެ ދަތުރުފުޅެއްގައި ފްރާންސްގެ ވެރިރަށް ޕެރިހަށް މާދަމަ ވަޑައިގަންނަވާނެ އެވެ. ފްރާންސް ދަތުރުފުޅުގެ ބޭނުމެއް ކަމަށް އެނގިފައި އޮތީ އޮގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމެވެ.

ބްލިންކެންގެ ދަތުރުފުޅުގައި ދެެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރުން ފެންވަރުގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިންޑޯ ޕެސިފިކް ސަރަހައްދުގެ ސަލާމަތާ ރަައްކާތެރިކަމާ ބެހޭ ގޮތުން ބްލިންކެން މަޝްވަރާ ކުރައްވާނެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ކޮވިޑާ ގުޅިގެން ގައުމުތަކުގެ އިގުތިސޯދަށް ކުރި ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާނެ އެވެ.

ޖޯ ބައިޑަން ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅަކު މިދުވަސްކޮޅާ ދިމާކޮށް ފްރާންސަށް ދަތުރު ކުރެއްވުމަކީ ދުނިޔެ ސަމާލުވާނެ ކަމެކެވެ. އެީ ހީނަރުވެފައި އޮތް ދެގައުމުގެ ގުޅުން ވާހަކަދައްކައިގެން ރުޖޫއަކުރަން މަސައްކަތްކުރާނެ ކަމަށް ބެލެވޭތީ އެވެ.

އެމެރިކާއާ ފްރާންސް ފާލުން ނައްޓާފައި ވަނީ އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ގުޅިންގެ އޯކަސްގެ ނަމުގައި އަސްކަރީ އިއްތިހާދެއް އުފެއްދުމާ ގުޅިގެންނެވެ.

އޮސްޓްރޭލިއާއިން އަސްކަރީ ސަބްމެރީން އުފެއްދުމަށް ފްރާންސަށް ދީފައި އޮތް އޯޑަރު އަތުލައި އެމެރިކާއަށް ދިނުމުގެ ސަބަބުން ފްރާންސް އޮތީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ.

ބްލިންކެންގެ މިދަތުރުފުޅުގައި އޯކަސް އިއްތިހާދާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބުނެވިފައި ނެތަސް، މި އިއްތިހާދުގެ ސަބަބުން ފްރާންސް ދެކޭ ގޮތް ބަދަލުކުރަން މަސައްކަތްކުރައްވާނެ ކަމަށް ބެލެ އެވެ.

ފްރާންސް ދަތުރުފުޅަށް ފަހު ދެން ބްލިންކެން ދެން ވަޑައިގަންނަވާނީ މެކްސިކޯއަށެވެ. އެއީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމަށާއި އަސްކަރީ ގޮތުން އެއް ވިސްނުމެއް ތަންފީޒު ކުރުމަށް ބާރު އެޅުއްވުމުގެ ދަތުރުފުޅެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!