އުމަރު ނަސީރު: ޖާބިރު، މިހާރު ސިކުނޑި ހަމެއް ނުޖެހޭ ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ

ޖާބިރު މިހާރު ސިކުނޑި ހަމެއް ނުޖެހެ، އަވަސް ފަރުވާއެއް ބޭނުންވޭ: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ ސިކުނޑި ހަމަނުޖެހޭ ނަފުސާނީ ބަލި ބޭފުޅެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޖާބިރު މި ފަހަކަށް އައިސް އެ އުޅުއްވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި އުމަރު “ސަން”އަށް ވިދާޅުވީ ޖާބިރު މިވަގުތު އެ ހުންނެވީ ފަރުވާ ދޭންޖެހޭ ހާލަތުގައި ކަމަށެވެ. އެހެންކަމުން އަމިއްލަފުޅަށް ފަރުވާ ހޯއްދަވަން އިންކާރު ކުރައްވާނަމަ ދައުލަތުން އިސްނަގައިގެން ނަމަވެސް ޖާބިރު ރިހެބިލިޓޭޝަނަށް ފޮނުވަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. “ޖާބިރު ސިކުނޑި ރަނގަޅު ކަމާމެދު ޝައްކު ކުރެވެނީ އޭނާ އުޅުއްވާ ގޮތަކުން. އެކަން ގަބޫލުކޮށްގެން އޭނާ އަމިއްލައަށް ދާން ބޭނުން ނެތިއްޔާ ސްޓޭޓްގެ ފަރާތުން ވެސް ޖެހޭނެ އޭނާ ރިހެބިލިޓޭޝަނަށް ފޮނުވަން. ޖާބިރުގެ އަމަލްތައް މިހާރު ރައްޔިތުންނަށް ބޮޑު ބިރުވެރި ކަމަކަށް ވެއްޖެ. ޤާނޫނު އެބަ ބުނޭ ބުއްދި ހަމަޖެހޭ މީހަކަށޭ މެންބަރުކަން ކުރެވޭނީ،” އުމަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ ޖާބިރާމެދު އެޅޭނެ ގާނޫނީ ފިޔަވަޅެއް ނެތް ނަމަ، އިދާރީ ފިޔަވަޅެއް އެޅުން ނުވަތަ ސިކުނޑިއަށް ފަރުވާއެއް ދިނުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެމްބަރަކު ވަކިކުރެވޭނެ އެއްވެސް އިންތިޒާމެއް ގާނޫނުގައި މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމު ތަކުގައި ވެސް އޮންނަ ފަދައިން، ރާއްޖޭގައި ވެސް ރިކޯލް ވޯޓިން ތައާރަފް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރިކޯލް ވޯޓިން އަކީ މެމްބަރަކާމެދު ދާއިރާގެ ރައްޔިތުން ހިތްހަމަ ނުޖެހޭ ނަމަ، އެ މެމްބަރަކު އިތުރަށް ބަހައްޓާނީތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. “ރައީސުލްޖުމުހޫރިއްޔާ ވެސް ވަކިކުރެވޭ. ކައުންސެލަރުން ވެސް ވަކި ކުރެވޭ. ނަމަވެސް މަޖިލީސް މެމްބަރަކު ވަކިކުރެވޭނެ ގޮތެއް ނެތް. އެހެންވީމަ ރާއްޖޭގަ އެބަޖެހޭ ރިކޯލް ވޯޓް ތައާރަފް ކުރަން. މި ވޯޓް ނެގުމުގެ އިހްތިޔާރު ރާއްޖޭގެ ގާނޫނު އަސާސީ އަކުން ނުލިބެ. އެހެންވީމަ މިއީ ތައާރަފް ކުރަންޖެހޭ މަހްފޫމެއް. ޖާބިރު ކަހަލަ މީހުންނާއި ހެދި މިކަން ތައާރަފް ކުރަން ޖެހެނީ،” އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖާބިރުގެ ސަބަބުން މުޖުތަމައު ތެރޭގައި ބަލިމަޑު ކަމެއް އުފެދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަދަރު ވެސް ކުޑަވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އައުގުރާނަ ގޮވުމާއި މަގުމަތީގައި އޮށޯވެގެން އޮވެ، ފުރޮޅުން ފަދަ ނާތަހުޒީބު އަމަލުތަކުގެ ނަތީޖާއަކަށް ވަނީ ބޮޑެތިވަމުން އަންނަ ކުދިންގެ އަހްލާގަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރުން ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ޖާބިރު އެ އުޅުއްވާ ގޮތުގެ ސަބަބުން ކާށިދޫ ރައްޔިތުން ވެސް ތިބީ އޭނާއާ ގުޅުން ކަނޑާލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ކާށިދޫ ރައްޔިތުން އެ ތިބީ ޖާބިރު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި އޭނާއަށް ވޯޓު ދިން މީހުން ވެސް އެކަމާ މިއަދު ލަދުގަނެ، ހިތާމަކުރާ ކަމަށް ވިދާޅުވިއެވެ. “އަޅުގަނޑު ކާށިދޫ މީހުންނާ ވަރަށް ތަށްޓެހިވާނެ. އެމީހުން މުޅިން ގުޅުން ކަނޑާލާފަ ހުރި މީހެއް މީނާ އަކީ. ޖާބިރު އެ އުޅޭ ގޮތުން ކާށިދޫ މީހުން ދެރަވެ، ވަރަށް ލަދު ވެސް ގަނޭ. އެމީހުން ވަރަށް އުއްމީދު ކުރޭ މީނާ ރަނގަޅުވުން ނުވަތަ އަމިއްލައަށް އިސްތިއުފާ ދޭނެ ދުވަހަކަށް،” އުމަރު މިފަދައިން ވިދާޅުވިއިރު، ކާށިދޫ ކައުންސިލުން ވެސް ވަނީ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއް ކުށްވެރި ކުރައްވާ، އޭނާ ވަގުތުން ހައްޔަރުކޮށް ހަރުކަށި އަބަދު ދޭން ގޮވާލާ، ގަރާރެއް ފާސް ކޮށްފައެވެ. މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އިސްލާމީ ޝަރީއަތާއި ގުރުއާން ތަހުޒީބުވެފައިވާ ކަމަށް ވިދާޅުވެ، އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތް ހެދުމަށް ގޮވާލާފައެވެ. ޖާބިރު ވިދާޅުވީ ދިވެހިންނަކީ އެކި ގައުމުތަކުން “ބެހިގެން” ރާއްޖެއަށް އައިސް ތިބި “ވަކަރުގޭ ދަރިން” ކަމަށެވެ. އަދި ދިވެހިން ކިތަންމެ ރީތިކޮށް ހެދުން އެޅި ނަމަވެސް ދިރިއުޅުން ތަހުޒީބު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޖާބިރަށް ނަފުސާނީ އެހީތެރިކަން ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއިރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވިދާޅުވެފައިވަނީ ޖާބިރުގެ ހާލަތު ރަނގަޅު ނޫން ކަމަށާއި އޭނާއަކީ އެހެންމީހުންގެ އެހީތެރިކަން ބޭނުންވާ ބަލި، ބޭފުޅެއް ކަމަށެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!