އުރީދޫ އާއި ޔޫއެންޑީޕީ އިން ކުރީން ބޭއްވި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕެއްގެ ބައިވެރިން --

މިޔަހެލި އިނޮވޭޝަނަށް ފުރުސަތު ހުޅުވާލައިފި

މިޔަހެލި 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިޔަހެލި އަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީ މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަދި އޮސްޓްރޭލިޔާ ސަރުކާރާއި އެހެނިހެން ފަރާތްތަކުގެ އެހީގައި ބާއްވާ ސޯޝަލް އިނޮވޭޝަން ކޭމްޕެކެވެ. މި ކޭމްޕްގެ މަގްސަދަކީ މުޖްތަމައުގައި ފައިދާ ކުރަނިވި މަސައްކަތް ކުރަން ޒުވާނުންނަށް އެއްބާރުލުން ދިނުމެވެ. އަދި ޒުވާނުންގެ ބޭނުންތެރި ހިޔާލުތައް ހަގީގަތަކަށް ހަދައިދުނުމަށް އެހީތެރިވުމެވެ.

ޔޫއެންޑީޕީ އާއި އުރީދޫގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން މިޔަހެލި ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަދި ޔޫއެންޑީޕީ ޔޫތު ކޯ ލެބްގެ އެއްބާރުލުމާއިވެސް އެކުގައެވެ. މީގެ އިތުރުން މިއަހަރުގެ މިޔަހެލި ކުރިއަށް ދާނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ގުޅިގެންނެވެ. މިޔަހެލީގެ މިއަހަރުގެ ޝިއާރަކީ “މީހުން, ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން” އެވެ.

މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި މެންބަރުން އަދި ހިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގޭނެ ކޭންޕެކެވެ. މިއަހަރު މިޔަހެލި އިންތިޒާމު ކުރަނީ ބަދަލުތައް ގެންނާނެ މީހުންނާއި ތަޖުރިބާކާރުންނާއި މީހުން ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ހިޔާލުތައް އެއްތަން ކުރުމަށެވެ.

މިއަހަރުގެ މިޔަހެލި އަމާޒުކުރެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި އޭގެ ސަބަބުން ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހައްލުތައް ހޯދުމަށާއި މިހާރު ހުރި އިޖްތިމާއީ ކަންކަމަށް ހައްލުތައް ހޯދައި އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ބާރުވެރި ކުރުވުމަށާއި އާންމު ދިރިއުޅުމުގެ ކަންތައްތައް ފަސޭހަކޮށް ދޭނެ ހައްލުތައް ހޯދައި އެކަށޭނަ މަސައްކަތުގެ މާހައުލެއް ޕްރޮމޯޓް ކުރުމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ މިޔަހެލި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އއ, އދ, ވ އަދި ކ އަތޮޅުގައި ދިރިއުޅޭ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ހުރިހާ ގައުމެއްގެ ރައްޔިތުންނަށެވެ. ބައިވެރިވެވޭނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. ބައިވެރިވުމަށް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު 7، 2021 އެވެ. ކޭމްޕް ބާއްވަނީ 21 އިން 23 އޮކްޓޫބަރު އަށެވެ. ކޭމްޕަށް ހޮވޭ ބައިވެރިންނަށް ކަނޑައެޅިފައިވާ ޝިއާރުގެ ދަށުން ހުރި ތަފާތު ދާއިރާތަކާއި ގުޅޭ ކަންކަމަށް ހައްލެއް ހޯދަން މަސައްކަތްކޮށް އެ ޕިޗް ހުށައެޅުމުގެ ފުރުސަތު ދޭނެ އެވެ. އަދި މޮޅުވާ ފަސް ޓީމަކަށް އެ ޓީމުތަކުން ހުށައެޅި ހައްލަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ދޭނެ އެވެ. ކޭމްޕްގައި ބައިވެރިވުމަށް ހޮވޭ މީހުންނަށް ކޭމްޕް އޮންނަ ތަނެއް ފަހުން އަންގާނެ ކަމަށްވެސް ބުންޏެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!