ހުޅުމާލެ ޖަލު--- ފޮޓޯ: ކަރެކްޝަންސް

ޖަލުގައި ޑިޓޮކްސް ޕްރޮގްރާމް ފަށަނީ

ޖަލުގައި ތިބި ގައިދީންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ގައިދީން އަނބުރާ މުޖުތަމައަށް ގެނައުމުުގެ ގޮތުން ފަރުވާ ދިނުމަށް ޑިޓޮކްސް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީންއާ މުއާމަލާތްކުރާ އިރު އެންމެ މުހިއްމު އެއް ކަމަކަށް ވާން ޖެހޭނީ އެމީހުން އަނބުރާ މުޖުތަމައަށް ނެރުން ކަމަށާއި ނަަމަވެސް އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ދެހާސް ދިހަވަނަ އަހަރު ފާސްކުރި މަސްތުވާތަކެތީ ގާނޫނުގައި ޖަލުތަކުގެ ތެރޭގައި ޑްރަގް ރިހިބިލިޓޭޝަންގެ މަސައްކަތް ކުރިއަށް ގެންދަން ބުނެފައި އޮތް ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެެވެ.

“ދެން އެކަން ކުރަން އަޅުގަނޑުމެން ފެށީމަވެސް އަޅުގަނޑުމެން ފުރަތަމަ ފަށަން މިޖެހެނީ ޕްރިޒަން އޮފިސާޒްގެ މަސައްކަތް ކުރާ އޮނިގަނޑު ބަދަލުކުރާ ހަމައިން. އެކަމަށް ހާއްސަ ކުރެވޭ އިމާރާތެއް ހޯދުމާ ހަމައިން. އެކަން ހިންގާނެ އޮފިސާޒް ޓްރެއިން ކުރުމާ ހަމައިން. މި މަސައްކަތް ތަރުތީބު ކުރަން ޖެހިފައި އޮތް ގޮތް. މިކަމަށް އެއްވެސް މަސައްކަތް ކުރެވިފައި ނެތީމަ މި ހިސާބުންތާ ޖެހޭނީ ފަށަން.” އިމްރާން ވިދާޅުވި އެވެ.

ޖަލުގައި ޑިޓޮކްސް ޕްރޮގްރާމް އިއްޔެ ފެށުމަށް ރޭވި ކަަމަށް މިނިސްޓަރު ވިދާޅުވެ އެވެ. ނަމަވެސް އެކަން އިއްޔެ ޖަލުގައި ފެށިކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ނުލިބެ އެވެ.

“އަޅުގަނޑު މިހާރު ވަނީ އެކަމަށްޓަކައި [ޑިޓޮކްސްއަށްޓަކައި] ހާއްސަ ޔުނިޓެއް ހާއްސަކޮށްފައި. އެ ޔުނިޓުގައި ހުންނަން ޖެހޭ ސިފަތައް ފުރިހަމަކުރުމުގެ މަސައްކަތް އެބަކުރަން. ޑިޓޮކްސް ކުރުމަށް ފަހު ދެން ރިހިބިލިޓޭޝަންގެ އެހެން މަސައްކަތްތައް ކުރުމަށްޓަކައި އޭގެ ތެރެއިން ވަކިވަކި ސްކިލްސްތައް ދަސްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެކަމަށް ހާއްސަ މަރުކަޒެއް ގާއިމުކުރަން. އަދި އެކަމަށްޓަކައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވި އެކަމަށް ހާއްސަކުރެވި އޮފިސަރުން ނެގެވި އެ އޮފިސަރުންގެ ޓްރެއިނިންގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ފުރިހަމަކުރެވިފައި” މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުގައި ޑިޓޮކްސް ޕްރޮގްރާމް ފަށަން ނިންމިއިރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޑިޓޮކްސް ސެންޓަރު ހުރެ އެވެ. އެކަމަކު އެދެވޭ ގޮތަށް މަސައްކަތް ނުހިނގާ ކަމުގެ ޝަކުވާ ބޮޑެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!