ފްރޮންޓްލައިންގައި މަސައްކަތް ކުރާ އައިޖީއެމްއެޗްގެ ނަރުހުންތަކެއް -- ފޮޓޯ: އަވަސް

ފްރޮންޓްލައިން އެލަވަންސަށް 177 މިލިއަން ރުފިޔާ

ކޮވިޑް 19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 177.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ކޮވިޑް 19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމާ ސަރުކާރުން އެކަން ހާމަކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާ އެވެ.

ފުރަތަމަ ގިންތި ކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތަކެވެ.

ދެވަނަ ގިންތި ކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ މީހުންނެވެ.

ލޯ ރިސްކު މީހުންނަކީ ހައި ރިސްކް އަދި މީޑިއަމް ރިސްކުގެ ގިންތިއަށް ނުފެނޭ އެކަމަކު ކޮވިޑް 19އާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ގޮތުގައި ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ.

ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ހަރަދު ކުރި ވަރު ސަރުކާރުން ހާމަކުރަން ފެށީ އެ އެލަވަންސް ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަން ފެށުމުންނެވެ. މިހާރު އެފަދަ ޝަކުވާތައް ލިބުން މަދު ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!