ހާލުގައި ޖެހުނު ލަންކާގެ 2 މަސްބޯޓު / ފައިލް ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު 10 ބޯޓަކަށް ފިޔަވަޅު އަޅާފައިވޭ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު 10 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޯޓުފަހަރު ކިހާވަރަކަށް ހުއްޓުވިފައިވޭތޯ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 10 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ އުޅަނދު ފަހަރުތަކަކީ ބޭރުގެ އުޅަނދުފަހަރުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އުޅަނދުތައް ގެނެސް އިންސްޕެކްޓްކޮށް ބަލާ ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާ ހުރިހާ އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. މިނިސްޓަރު ވަނީ މަސްވެރިކަމާ ބެހޭ އާ ގާނޫނު ފާސްކޮށް އެގާނޫނަށް އަމަލުކުރަން ފެށިފަހުން ކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރު އެމިނިސްޓްރީއަށް ކުރިޔަށްވުރެ ބޮޑަށް ލިބިފައިވާ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން 4 އުޅަނދެއް ޖޫރިމަނާކޮށްފައިވާ ކަމަށާ އަދި ކޮންމެ އުޅަނދަކުން ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އުޅަނދުތައް ޖޫރިމަނާ ދެއްކުމަށްފަހު ފުރާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަކުރެއްވިއެވެ. ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ. އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!