އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން / ފޮޓޯ: ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އެންމެ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ. އިއްޔެ މެންދުރުފަހު އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކު ކޮށްލައިގެން މީހަކު އެގެއަށް ވަންނަން ވަނީ މަސައްކަތް ކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ސުޕްރީމް ކޯޓުގަ ޝަރީއަތެއްގެ ރިޔާސަތުގައި އެމަނިކުފާނު އިންނެވި ވަގުތެއްގައެވެ. މިއަދު ނެރުނު ބަޔާނުގަ އެމްޑީޕީން ބުނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި، އިއްޔެ މެންދުރު އެގެއަށް މީހަކު ވަނުމަކީ އެމަނިކުފާނުގެ ސަލާމަތާ މެދު އެޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމަށެވެ. އެމްޑީޕީން ބުނީ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ރައްކާތެރިކަމާއި އެމަނިކުފާނާއި އާއިލާ ދިރިއުޅުއްވާނެ ގެކޮޅެއް ހަމަޖެއްސުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވާއިރު، މިފަދަ ހާދިސާއެއް ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން މިފަދަ ކަންތައްތަކަށް ސަމާލުވުމަށާއި، އުއްތަމަ ފަނޑިޔާރަށާއި އެމަނިކުފާނުގެ އާއިލާއަށް ރައްކާތެރިކަން ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގަ ހުންނަ ސީސީޓީވީ ކެމެރާތަކުގެ ޕޮޒިޝަން ބަދަލުކޮށްފައި ވާތީ ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތް ކޮށްފައިވާއިރު، މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، އެމަނިކުފާނުގެ ގެކޮޅު ކައިރީ ބަޔަކު ވަނީ އައިއީޑީއެއް ގޮއްވާލާފައެވެ. ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ނަޝީދު މިވަގުތު ހުންނެވީ ޔޫކޭގައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!