ސާފް ޗެމްޕިއަންޝިޕް 2021: ދިވެހިރާއްޖެ – ނޭޕާލް | ޕްރިވިއު

ސައުތް އޭސިއަން ފުޓްބޯޅަ ފެޑެރޭޝަނުން ކޮންމެ ދެ އަހަރަކުން އެއްފަހަރު އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ 13 ވަނަ އެޑިޝަން ކުޅުން މިއަދު ރާއްޖޭގައި ފަށާއިރު، މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އަދި ނޭޕާލްއެވެ. މި ދެޓީމު ބައްދަލުކުރާ މި މެޗަކީވެސް ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެން ދާނެ މެޗަކަށް ވާނެކަން ޔަގީނެވެ. ދިވެހިރާއްޖެ އަދި ނޭޕާލް މިރޭ ބައްދަލުކުރާ މި މެޗަކީ މި މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ އެއް މެޗައް ވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މި މެޗަށް ދެޓީމުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، މި މެޗެ ވެގެންދާނީ މުބާރާތުގެ އެއްވަނަ ނޫނީ ދެވަނަ ހޯދުމަށް ކޮންމެ ޓީމަކަށް ވެސް މޮޅުވުން މުހިންމު މެޗަކަށެވެ. މިރޭ ދިވެހިރާއްޖެ އަދި ނޭޕާލް ބައްދަލުކުރާ މެޗަށް ބަލާލާއިރު، މިރޭގެ މި މެޗަކީ މި ދެޓީމުގެ ތާރީޚުގައި ކުރިމަތިލާ 16 ވަނަ ކުރިމަތި ލުމަށެވެ. ނޭޕާލް ނޭޕާލަކީ ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ނޭޕާލަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ގޯހެކޭ ދެންނެވޭކަށް ނެތެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގެ ހަތަރު މުބާރާތެއްގެ ސެމީފައިނަލަށް ނޭޕާލް ވަނީ ދަތުރުކޮށްފަ އެވެ. ނެޕާލް ސެމީއަށް ދަތަުރުކޮށްފައިވަނީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައާއި 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތާއި އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތުގައެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސެމީއިން ނޭޕާލް ބަލިވެ މުބާރާތުން ކެޓީ ރާއްޖެއާއި ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާ އިން ބަލިވެގެންނެވެ. މި މުބާރާތުގެ ސެމީއިން ނޭޕާލް ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނޭޕާލަށް މިހާތަނަށް އަދި މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް ނޭޕާލުން ވަނީ އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ދެ މެޗެއް ކުޅެފައެވެ. އެއް މެޗުން 1-1 އިން އެއްވަރުވެފައިވާއިރު، ދެވަނަ މެޗުން 1-2 އިން ނޭޕާލް ވަނީ އިންޑިއާ އަތުން ބަލިވެފައެވެ. މިވަގުތު ސައުތް އޭސިއަން ޒޯން ރޭންކިންގެ 03 ވަނާގައި އޮތް ނޭޕާލް މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި 12 މުބާރާތުގައި މުޅި ޖުމްލަ 38 މެޗު ކުޅެފައިވާއިރު އޭގެެތެރެއިން 11 މެޗުން ވަނީ މޮޅުވެފައެވެ. އަދި 21 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ. މުހިންމު ކުޅުންތެރިން ނިސްވަތުން ނޭޕާލަކީ ރަނގަޅު ހުނަރުވެރި ހަލުވި ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. އެގޮތުން މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އެޓީމުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ ނޭޕާލުގެ ގައުމީ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ގޯލް ކީޕަރ އުމުރުން 31 އަހަރުގެ ކިރަން ކުމާރު ޗެމްޔޮން ލިމްބުއާއެވެ. އޭނާ އަކީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ޓީސީ އަށް ކުޅެފައިވަނީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގައެވެ. ކިރަން ކުމާރު ޗެމްޔޮން ލިމްބުއާވަނީ މިހާތަނަށް ނޭޕާގެ ގައުމީޓީމަށް 74 މެޗު ކުޅެދީފައެވެ. ދިވެހިރާއްޖެ ރާއްޖެއަކީ އިންޑިއާއަށް ފަހު ދެވަނައަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1997 ވަނަ އަހަރު ނޭޕާަލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖެއަކީ މި މުބާރާތް ދެވަނައަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ގައުމު ވެެސް މެއެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު ރާއްޖެ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރު ހޯދާފައެވެ. ސައުތް އޭސިއަން ރޭންކިންގެ 02 ވަނައިގާ މިވަގުތު އޮތް ރާއްޖެ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖެ ވަނީ އެގައުމުން ވާދަކުރި ދިހަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މުބާރާތެއްގެ ފައިނަލް ކުޅެފައިވާއިރު، ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ. ރާއްޖެ ފައިނަލުގައި ކުޅެފައިވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައާއި 2003 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި މުބާރާތާއި، 2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރާއި 2018 ވަނަައަހަރު ބަނގްލަދޭޝްގައާއި ބޭއްވުނު މުބާރާތުގައެވެ. މީގެ ތެރެއިން މުބާރާތުގެ ތަށި ރާއްޖެއިން ނަގާފައިވަނީ 2008 ވަނަ އަހަރާއި އެންމެ ފަހުން 2018 ވަނަ އަރު ބޭއްވި މުބާރާތުގައެވެ.  މި ގެ ފަހަރުވެސް ރާއްޖެ ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ރާއްޖެއެވެ. ރާއްޖެ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ މި ދިހަ މުބާރާތުގައި ޖުމްލަ 43 މެޗު ކުޅެ 22 މެޗުން މޮޅުވެފައެވެ. އެގާރަ މެޗުން އެއްވަރުވިއިރު، ދިހަ މެޗުން ވަނީ ބަލިވެފައެވެ. މުހިންމު ކުޅުންތެރިން ނިސްބަތުން ރާއްޖެއަކީ ވެސް މި ސަރަހައްދުގެ އެހެން ގައުމަތަކާއި އަޅާބަލާއިރު ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަނގަޑޭ) އެވެ. އޭނާއަކީ މުޅި އޭޝިއާ ސަރަހައްދުން ވެސް ހޮވާލެވޭ ހުނަރުން ފުރިފައިވާ މޮޅު ކުޅުންތެރިއެކެވެ. ސާފް ސަރަހައްދުގައިވެސް މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާއެވެ. ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މިހާތަނަށް ރާއްޖޭގެ ގައުމީޓީމަށް ކުޅެދިން 82 މެޗުގައި 53 ގޯލު ކާމިޔާބު ކޮށްފައިވެއެވެ. ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް އަޝްފާޤެވެ. އަޝްފާޤު ވަނީ ޖުމްލަ 20 ލަނޑު ޖަހާފައެވެ. ނޭޕާލް އަދި ދިވެހިރާއްޖޭގެ ތާރީޚީ ބައްދަލުކުރުންތައް ނޭޕާލް އަދި ދިވެހިރާއްޖެ އަކީ ސައުތު އޭސިއަން ޒޯން ފުޓްބޯޅައިގައި ވަރަށް ވާދަވެރި ދެ ގައުމެވެ. އެގޮތުން ވާދަވެރި މުބާރާތްތަކުގައި މީގެ ކުރިން މި ދެޓީމު ވަނީ 16 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އަށް ފަހަރު ނޭޕާލުގެ މައްޗަށް ރާއްޖެ ކުރި ހޯދާފައިވާއިރު، ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރި ހޯދިފައިވަނީ ހަތަރު ފަހަރުއެވެ. ހަތަރު މެޗުންވަނީ އެއްވަރުވެފައެވެ. މިރޭގެ މެޗަކީ މި ދެ ޓީމު މި މުބާރާތުގެ ތާރީޚުގައި ކުރިމަތިލާ އަށްވަނަ ފަހަރެވެ. މީގެ ކުރިން ހަަތް ފަހަރެއްގެ މަތިން މި މުބާރާތުގައި މި ދެޓީމު ވާދަކޮށްފައިވާއިރު، މީގެ ތެރެއިން ރާއްޖެ ފަސް ފަހަރު މޮޅުވެފައިވެއެވެ. ނޭޕާލަށް މޮޅުވެވިފައިވަނީ އެންމެ ދެ ފަހަރުގައެވެ. ދިވެހިރާއްޖެ އަދި ނޭޕާލް ބައްދަލުކުރާ ފޯރިގަދަ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 9:00 ގައެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!