އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު --ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ އިންތިހާބީ ރައީސް އަހުމަދު މަހުލޫފް --

އެމްޑީޕީ ތެރޭގައި ރައީސަށް ފަސޭހަފުޅު ގޮތަށް ކަންކަން ރާވަން ޖެހޭ: މަހުލޫފް

މިވަގުތު އެމްޑީޕީގެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމުން އެމަނިކުފާނަށް ފަސޭހަފުޅު ގޮތަށް އެމްޑީޕީގެ ތެރެއިން ކަންކަން ރާއްވަވަން ޖެހިވަޑައިގަންނަވާ ކަމަށް ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ އިންތިހާބީ ރައީސް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އަވަސްއިން މިއަދު ގެނެސްދިން “ސުވާލަކަށް ފަހު ސުވާލެއް” ޕްރަގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މަހުލޫފް ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ވަނީ ހިޔާލުތަފާތުވުން ބޮޑުވެފައެވެ. ދެ ރައީސުންގެ ގުޅުން ވަރަށް ގޯސް ކަމަށް އަޑުތައް އޮވެއެވެ.

މަހުލޫފް ވިދާޅުވީ ސިޔާސީ މަސައްކަތުގަައި ހިޔާލު ތަފާތުވުން އޮންނާނެ ކަމަށާ އެއީ މައްސަލައެއް އަދި ކަންބޮޑުވުމެއްވެސް އޮންނަންވީ ކަމެއް ނޫން ކަމަށެވެ. މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ވެރިކަމުގެ ނިޒާމާމެދު އުފެދިފައި އޮތް ނުތަނަވަސްކަން ކަމަށާ ނަމަވެސް އެ ބަހުސްވެސް ވަކި ހިސާބަކުން ނިންމަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ނިޒާމުގެ ބަހުސަށްވުރެ ރައީސް ސޯލިހު އިސްކަން ދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާ އެ ނިންމެވުމަށް އިހުތިރާމު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނިޒާމު ބަހުސް ކުރިއަށް ގެންދެވި ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުން މާޔޫސްނުވާ ގޮތަށް ކުރިއަށް ގެންދެވުމަށްވެސް މަހުލޫފް އެދިވަޑައިގެންނެވިއެވެ.

“މިހާރު މިހިނގާ ކަންކަން އެއީ ވެރިކަމާއި ތޮޅޭ ތޮޅުމެއްގެ ގޮތުގައިވެސް ސިފަކުރެވިދާނެ. ވެރިކަމުގެ ބާރު އޮންނަން ޖެހޭނީ ކޮން ބޭފުޅެއްގެ އަތުގައިތޯ މި ބަހުސް ހަގީގަތުގައި މި ކުރެވެނީ. ދެން މިވަގުތުގައި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ އެންމެ އިސް މަގާމުގައި. ރައީސުލްޖުމްހޫރިއްޔާއަށް، މަޖިލީހުގެ ތެރެއިންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް އަދި އާންމު މެންބަރުންނާއި އަޅުގަނޑުމެން އެންމެންވެސް އެބަޖެހޭ އެ ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއްދޭން. އެކަން ކުރެއްވުމުގައި ރައީސަށް ލިބިވަޑައިގަންނަވަން ޖެހޭ އެއްބާރުލުން އެކަށީގެންވާ ވަރަށް ނުލިބި މިކަހަލަ ކަންކަން ދިމާވާތީ ކަންނޭންގެ މަޑުމަޑުންގޮސް މަސްލަހަތު މި ގެއްލެނީ،” މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ނިޒާމު ބަހުސް ނިމޭ ހިސާބުން ދެ ރައީސުންވެސް އެކުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި 2023 ގެ އިންތިހާބު ކުރިމަތިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ވަކިން ތިއްބެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާ އެއީ ބަޔަޖު ޖައްސަވާ ނުބައި ހިސާބެއް ކަމަށެވެ.

އަދި މިވަގުތު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް ސޯލިހު ކަމުން އެމަނިކުފާނަށް ފަސޭހަފުޅުވާނެ ގޮތަކަށް ކަންކަން ރާއްވަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އިސް ލީޑަރުގެ ދައުރު އަދާކުރެެއްވުމަށް ފަސޭހަކޮށް ދިނުމަކީ ޕާޓީގެ ކޮންމެ މެންބަރަކު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހިޔާލު ތަފާތުވުން އުފެދެން ޖެހޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށެވެ.

މި ފަހުން މަޖިލީސްތެރެއިން ނިމޭ ކޮންމެ ކަމަކާއި ގައުމީ މަޖިލީހުގެ ކޮންމެ ނިންމުމެއް ރައީސް ސޯލިހު ބޭނުންފުޅުވާ ގޮތަށް ނިމިގެން އައުމަކީވެސް ހިޔާލު ތަފާތުވުން އުފެދެން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ރައީސް ނަޝީދު “ބާކީ” ކުރެއްވުން ނޫން ކަމަށާ އެއީ މިއަދުގެ ހަގީގަތް ކަމަށް ވިދާޅުވިއެވެ.

“ރައީސް ނަޝީދާ ނުލައި އެމްޑީޕީ ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް ކަމެއް ރައީސް ސޯލިހުވެސް ރައީސް ނަޝީދު ވިސްނުންފުޅާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވާނެ،” މަހުލޫފް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!