ކޮލަމްބޯ ސިޓީ ރެސްޓޯރަންޓް ކަލެކްޓިވްގެ ރައީސް ހާޕޯ ގުނަރަތުނަ / ފޮޓޯ: ސްރީލަންކާ ޓުއަރިޒަމް އެލާޔަންސް

ކޮޅުނބުގެ ރެސްޓޯރަންޓުތަކުން ކޮވިޑް ވެކްސިން ކާޑަށް އެދެން ފަށަނީ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ސިލްސިލާ ގޮތެއްގައި ކާމިޔާބުތަކެއް ހޯދަމުން އަންނަ އަވަށްޓެރި ސްރީލަންކާގެ ވެރިރަށް، ކޮޅުނބުގެ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކުން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވޭ ތޯ ކަށަވަރު ކުރުމުގެ ފިކުރެއް ގެންގުޅޭ ކަމުގެ އިޝާރާތެއް، ކޮލަމްބޯ ސިޓީ ރެސްޓޯރަންޓް ކަލެކްޓިވްގެ ރައީސް ހާޕޯ ގުނަރަތުނަ ދެއްވައިފިއެވެ. އެންމެ މަތީ ފެންވަރުގައި ރެސްޓޯރަންޓްގެ ހިދުމަތްތައް ކަށަވަރު ކުރުމަށް، އެންޖީއޯ އުސޫލުން ހިންގަމުން އަންނަ ސިޓީ ރެސްޓޯރަންޓް ކަލެކްޓިވްގެ ރައީސް، ގުނަރަތުނަ ވިދާޅުވީ، ރެސްޓޯރަންޓުގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ހޯދަން އެދޭނަމަ، ކަސްޓަމަރުންގެ ކޮވިޑް ވެކްސިން ކާޑަށް އެދުން ގާތް ކަމަށެވެ. ކޮޅުނބުގައި އޮޕަރޭޓް ކުރާ ރެސްޓޯރަންޓްތަކުގެ ވެރިންގެ މެދުގައި މިކަމާ މެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވާ ކަންވެސް ގުނަރަތުނަ ވަނީ ހާމަ ކުރައްވާފައެވެ. މި ގޮތަށް ވެކްސިން ކާޑު ދެއްކުމުގައި، ސީދާ ކަރުދާހު ކާޑު ނުވަތަ ޑިޖިޓަލް ކާޑުވެސް ބަލައިގަންނާނެ ކަމަށް ގުނަރަތުނަ ވިދާޅުވިއެވެ. މީގެ އިތުރުން، ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވާ ރެސްޓޯރަންޓް މުވައްޒަފުންވެސް، އެކަން އަންގައިދޭ ބެޖެއް ބޭނުން ކުރުން އެކަށީގެން ވާ ކަމަށް، ސިޓީ ރެސްޓޯރަންޓް ކަލެކްޓިވްގެ ރައީސްވަނީ ފާހަގަ ކުރައްވާފައެވެ. މި ކަންކަމަކީ ސްރީލަންކާގެ ސަރުކާރުން ލާޒިމު ކޮށްފައި ވާ ކަމަކަށް ނުވާއިރު، މި އުސޫލުތައް ތަންފީޒު ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ރެސްޓޯރަންޓްތަކުގެ އަތް މަތީގައި ކަމަށް ގުނަރަތުނަ ވިދާޅުވިއެވެ. ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ފެންމަތިވުމާ ގުޅިގެން އޯގަސްޓް 20 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ހިންގަމުންދާ ކަރަންޓީނު ކާފިއުގެ ލޮކްޑައުން އަމުރު، އޮކްޓޯބަރު 1 ވަނަ ދުވަހުގެ ފަތިހު 04:00 އިން ފަށައިގެން އުވާލުމަށް، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ އަންގަވާފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!