އިންޑިއާ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ޓީމާއި އެކު.

އިންޑިއާގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން އެންމެ ބޮޑު އަމާޒަކަށް އޮތީ މިއަންނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ކަމަށް އެޓީމުން ބުނެފި އެވެ.

އިންޑިއާ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނީ އެޓީމުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުތައް ކާމިޔާބު ކުރުން ކަމަށެވެ.

ސަރަހައްދީ ފުޓްބޯޅައިގެ ލީޑިން ޓީމެއްގެ ގޮތުގައި އިންޑިއާ ފާހަގަކުރަމުން ސްޓިމަކް ބުނީ މިއަންނަ އަހަރު އޮންނަ ކޮލިފައިންގެ ތިންވަނަ ބުރަށް ދާއިރު މިއީ މުބާރާތުގައި ތަޖުރިބާ ކޮށްލަން ލިބޭ ރަނގަޅު މެޗުތަކެއް ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި އެންމެ ބޮޑު އަމާޒަކަށް ވާނީ ކޮލިފައިން މެޗު ތަކަށް ޓީމު އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ.

ސްޓިމަކް މިގޮތަށް ވާހަކަ ދެއްކިއިރު، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ނުކުރެވިއްޖެ ނަމަ އޭނާ އިންޑިއާގެ ކޯޗު ކަމުން ވަކި ކުރުމަކީ މާދުރުގައި އޮތް ކަމެއް ނޫނެވެ. އެންމެ ފަހުން ކުޅުނު ވޯލްޑްކަޕް ކޮލިފައިންގައި އިންޑިއާއިން އަށް މެޗު ކުޅުނު އިރު އެޓިމަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އެއާއެކު ސްޓިމަކް އަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސީނިއާ ޓީމު ނެރެން ނިންމީ ވެސް މި މުބާރާތް ކާމިޔާބު ކުރުމަށް ސްޓިމަކްއަށް އޮތް ޕްރެޝަރެއްގެ ބޮޑު ކަމުންނެވެ. މި ފަހުން ކުޅުނު މުބާރާތް ތަކުގައި އިންޑިއާއިން ސާފް ޗެމްޕިއަންޝިޕަށް ނެރެނީ އެގައުމުގެ ޒުވާން ޓީމެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖެ ފުރުމުގެ ކުރިން ހެދި ކޮވިޑު ޓެސްޓުތަކުން އިންޑިއާ ގައުމީ ޓީމުގައި މިވަގުތު އެންމެ ފޯމުގައި ހުރި ކީޕަރު އަމްރިންދާ ސިންގް ކޮވިޑަށް ފައްސިވުމުގެ ސަބަބުން ސްކޮޑުން ވަނީ ބާކީކޮށްފަ އެވެ. އަމްރިންދާގެ އިތުރުން މުމްބާއި ސިޓީ އެފްސީއަށް ކުޅެމުން އަންނަ ބިޕިން ސިންގް ވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން މިފަހަރުގެ މުބާރާތުގައި ނުކުޅެވޭނެ އެވެ.

މިފަހަރުގެ މުބާރާތުގައި އިންޑިއާ ޓީމަށް ލިބޭނެ އެންމެ ބޮދު ހިތްހަމަޖެހުމަކީ އުދަންތާ ސިންގް ފިޓުވެ ސްކޮޑުގައި ހިމެނުމެވެ. އެންމެފަހުން ނޭޕާލް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތާއި ކުރިމަތިލާއިރު އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ޓީމެވެ. އިންޑިއާއިން ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކުރިއިރު، އެޓީމުން އެންމެ ފުރަތަމަ މުބާރާތް ކާމިޔާބު ކުރީ 1993 ވަނަ އަހަރު އެވެ. އޭގެ ފަހުން 1997، 1999، 2005، 2009، 2011 އަދި 2015 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!