އެމްޖޭއޭ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް --- ފޮޓޯ/ އެމްޖޭއޭ

މަސްދަރު ހާމަ ކުރަން ނޫސްވެރިންނަށް މަޖުބޫރު ކުރާ މާއްދާ އަނބުރާ ގެންދަން އެމްޖޭއޭއިން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރަން ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވައިލައިފިއެވެ. އެމްޖޭއޭއިން އެހެން ބުނީ އެ ޖަމިއްޔާ އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން މިއަދު ނެރުނު ބަޔާނެއްގައިއެވެ. އެ ބަޔާނުގައިވާ ގޮތުން މިދިޔަ މަހުގެ 30ގައި މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ދެ ހާލަތެއް ހިމަނާފައިއެވެ. އެ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެ ނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަށް ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަ ކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދާ އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމާށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ. އެ ޖަމިއްޔާތަކުން ބުނީ އެއީ، ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ބުނެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ފޯރުކޮށްދޭ ހައްގުތައް ހަނިކުރާނެ މާއްދާއެއް ކަމަށެވެ. އަދި އެއީ ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދަގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށްވެސް ހުރަސް އަޅާނެ މާއްދާއެކެވެ. އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވީ އެ މާއްދާ ފާސްކޮށްފި ނަމަ ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރުމުގައި ރާއްޖެއިން ފާއިތުވި އަހަރުތަކުގައި ހޯދި ކުރިއެރުންތައް ގެއްލިގެން ދާނެ ކަމަށެވެ. “މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ސާފު އަދި މިއާއެކު މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރަން ހޯދުނު ކުރިއެރުންތައްވެސް ގެއްލިގެންދާނެ. އެހެންކަމުން ލަސްނުވެ، ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމަށް ލިބިދީފައިވާ ހައްގަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، މިހާރު ހުށާހެޅިފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލަން،” ހަމްދޫން ވިދާޅުވިއެވެ. މީގެ އިތުރުން ހެއްކާ ބެހޭ ގާނޫނާ މިހާރު އޮތް ގޮތަށް ފާސް ކުރުމުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވާނެ ކަމަށް ބަޔާން ނެރުނު ޖަމިއްޔާތަކުން ފާހަގަކުރިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!