ސްޓެލްކޯގެ އިމާރާތް. ޖުލައި މަހު ކަރަންޓު ބިލު ބޮޑުވި ސަބަބު ޔުޓިލިޓީ އޮތޯރިޓީން ވަނީ ބުނެދީފައި--- ފޮޓޯ؛ ސްޓެލްކޯ

ޖުލައި މަހު ކަރަންޓު ބިލު ބޮޑުވި ސަބަބު ބުނެދީފި

މިދިޔަ ޖުލައި މަހު ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވި މައްސަލަ ބަލައި އެކަން ދިމާވި ގޮތުގެ ސަބަބުތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ބުނެދީފި އެވެ.

މިދިޔަ ޖުލައި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. ގިނަ ގޭގެއިން 2،000 ރުފިޔާގެ އިތުރުވުމެއް ކަރަންޓް ބިލްގައިވެ އެވެ.

ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ފެންނަނީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށް ބުނެ އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އެ މަައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ބަލަން ފެށި އެވެ.

ޔޫއާރުއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވާން ދިމާވީ ދެ ސަބަބަކާ ގުޅިގެން ކަމަށް ދެނެގަނެފައިވާ ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ޖުލައި މަހު ފޮނުވި ބިލުގައި ގާތްގަނޑަކަށް ޖޫން މަހުގެ 10 އިން ޖުލައި 10 އަކާ ދެމެދުގައި ބޭނުންކޮށްފައިވާ ވަރަށް ބިލުކޮށްފައިވާ ބިލުތަކަކަށް ވިޔަސް ބިލު ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅު ކަމަށްވާތީ އީދު ބަންދުގެ ދުވަސްތައް ކަމަށް ޖުލައި 19 އިން 30ގެ ނިޔަލަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ބިލްގައި ހިމަނައިފައި ނުވާ ކަމަށެވެ.

އެހެންކަމުން އީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ކަރަންޓުގެ މިންވަރު ޖުލައި މަހު ލިބުނު ބިލުތަކުގައި ހިމަނައިފައި ނުވާތީ އެ ބިލުތައް ކުޑަނުވީ ކަމަށެވެ. އަދި އީދު ބަންދުގައި ކަރަންޓު ބޭނުންކުރި މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުން ކަމަށެވެ.

އޭގެ އިތުރުން ޖުލައި މަހު ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކަަަށް (މެއި ޖޫން އަށް ކަރަންޓު ބޭނުންކުރި ވަރު) ސަރުކާރުން 40 ޕަސެންޓް ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. ނަަމަވެސް ޖުލައި މަހު ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީ ކަމަށް އޮތޯރިޓީން ބުނެ އެވެ.

ކަރަންޓު ބިލު ބޮޑުތަނުން ބޮޑުވުމުގެ މައްސަލަ މީގެ ކުރިންވެސް ދިމާވެ އާަންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!