ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ: މަޖިލީސް

ވަޒީރު ވިދާޅުވަނީ ދިވެހި އިޤްތިޞާދު އަލުން އިޢާދަވާނެކަމަށް ލަފާކުރެވެނީ 2023ގައި ކަމަށް

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް ރުޖޫޢަވެވޭނެކަމަށް ލަފާކުރެވެނީ 2023ވަނަ އަހަރުގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ކޯވިޑް-19އާ ގުޅިގެން ސިވިލްސާވިސް މުވައްޒަފުންގެ، ކަނޑާލި އެލަވަންސް ދެވޭނެ ތާރީޚެއް ސާފުކުރުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު ލިޔުމުން ޖަވާބު ހޯދުމަށް ދެންނެވުނު ސުވާލުގައި މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19އާއެކު ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ ޢާމްދަނީއަށް ކުރިމަތިވި ހިނަރުކަމާއެކު، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ޖެހުނުކަމަށެވެ. މިއަހަރުގެ ޖުލައިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި “ފިސްކަލް ސްޓްރެޓަޖީ 2024 – 2022” ގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ކޯވިޑް-19ގެ ޙާލަތުން އަރައިގަނެވި ޢާންމު ޙާލަތަކަށް ރުޖޫޢަވެވެންދެން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންގެންގޮސް އެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިއޮތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ އާމްދަނީ ކޯވިޑް-19ގެ ކުރިން ހުރި މިންވަރަށް އިޢާދަވާނެކަމަށް އަންދާޒާކުރެވެނީ 2023ވަނަ އަހަރުކަމަށެވެ. އެއަހަރާ ހަމައަށް މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ކޭޝްފްލޯ އަދި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ، ފިސްކަލް ސްޓްރެޓެޖީއާއި ބަޖެޓުގެ ހިސާބުތައް ތައްޔާރުކުރުމުގައި ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުވައްޒަފުންގެ ޕްރޮމޯޝަން އަކީ ކޯވިޑް-19އާއެކު ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން މުވައްޒަފުންނަށް ދިނުން ހުއްޓާލާފައިވާ އެލަވަންސެއްކަމަށާއި، މިގޮތުން އެހެން ދާއިރާތަކެކޭ އެއްގޮތަށް، ތަޢުލީމީ ދާއިރާއިން ޕްރޮމޯޝަންއާއެކު ދެވޭ ސެޓްފިކެޓް އެލަވަންސް އާއި ޕަރފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަޑާލެވުނުކަމަށެވެ. އިޤްތިސާދީ ގޮތުން ދިމާވި ދަތި ޙާލަތުން އަރައިނުގަނެވުނު ނަމަވެސް، ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ މަތިން ސެޓިފިކެޓް އެލަވަންސް މިހާރު ވަނީ ދޭންފަށާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޕާފޯމަންސް އެލަވަންސް އަދި ދޭންފަށާފައިނުވާއިރު، މިއެލަވަންސް އަލުންދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ ޢާމްދަނީއަށް އައި ހީނަރުކަން ފިލައިގޮސް، ފިސްކަލް ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތަކުގެ ހަމަހަމަކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުންކަމަށެވެ. އަދި ކޯވިޑް-19އާ ގުޅިގެން ގެއްލިގެން ދިޔަ ޢާމްދަނީއަކީ މުސްތަގުބަލުގައިވެސް ދައުލަތައް ލިބޭނެ އާމްދަނީއެއް ނޫންކަމުން، ދެމެހެއްޓެނިވި މިންގަނޑެއްގައި ޚަރަދާއި ޑެފިސިޓް ބެހެއްޓުމަށް އެޅި ފިޔަވެއްގެ ގޮތުން ހުއްޓާލެވުނު އެލަވަންސެއް އަލުން ދޭން ފަށާއިއިރު، އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!