އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގެ ފަޔާ ސިސްޓަމް ބަދަލު ކޮށްދޭނެ ބަޔަކު ހޯދަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އައިޖީއެމްއެޗްގެ ފަޔާ ސިސްޓަމް ބަދަލުކޮށްދޭނެ ބަޔަކު ހޯދަނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފަޔާ ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ ފަޔާ ސިސްޓަމް ބަދަލުކޮށްދިނުމަށް އެ ހޮސްޕިޓަލުން އެދިފައިވާ ކަމަށެވެ. އެހެންވެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންނެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 27 އަށެވެ. ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ މެދުވެރި ކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް ކުރުމަށް ވެސް ފިނޭންސް މިނިސްޓްރީން އެދިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 93,500 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!