ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު ރާއްޖެ ވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް

ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނު ގެ ވަގުތެއްގައި ކަމަށެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އދ ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހުއެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގްރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އދގެ މައި އިދާރާގައި ބޭއްވި އދގެ ސެކްރެޓަރީ ޖެނެރަލްގެ “ކްލައިމެޓް މޮމެންޓް”ގައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓާ އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ރައީސް ވަނީ ހައިލެވެލް ޑިސްކަޝަންތަކާއި ހަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެއޯސިސްގެ ލީޑާސް ސަމިޓް 2021ގަ އާއި، ޑާބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ހަފްލާ އާއި، ޓްރާންސްފޯމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިވެސް މަޝްވަރާތައް ބާއްވަވާފައެވެ. ރައީސް ސޯލިހު އދގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!