ދުބާއީގައި ވޯލްޑް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާ ތަން

ވޯލްޑް އެކްސްޕޯއަށް ރާއްޖެ ތައްޔާރުވާން ފަށައިފި

ދުބާއީގައި ބާއްވާ ވޯލްޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާ އެކްސްޕޯ އަށް ތައްޔާރުވާން ފަށައިފި އެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް މިއަހަރު ކުރިއަށްދާނީ އަންނަ މަހުން ފެށިގެން ހަމަސް ދުވަހަށެވެ.

އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ “ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ” އެވެ.

މެދުއިރުމަތީގެ ގައުމެއްގައި މުޅިން އަލަށް ބާއްވާ މި އެކްސްޕޯގެ އަމާޒަކީ އާ އީޖާދުތަކާއި އެކިއެކި ހިޔާލުތައް އެއްތަނަކުން ދައްކައިދީ އެކަންކަމުގެ ތެރެއިން އިންސާނިއްޔަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކްސްޕޯގައި ގާއިމުކުރާ ރާއްޖޭގެ ޕެވީލިއަން އިން ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހި އުފެއްދުންތަކާއި ރާއްޖޭގެ ރީތި މަންޒަރުތަކާއި ދެމެހެެއްޓެނިވި ތަރައްގީ އަކަށް އިސްކަން ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދައްކައިދޭނެ ކަމަށެވެ.

އެކްސްޕޯ ކުރިއަށްދާއިރު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންވެސްޓްމަންޓްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމަންްޓް ފުރުސަތުތައް ބުނެދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި އެކްސްޕޯގައި އޮކްޓޫބަރު 25 ވަނަ ދުވަހަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަހަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ.

ދުބާއީ އެކްސްޕޯއަށް ޖުމްލަ 25 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭއިރު އޭގެތެރެއިން 70 ޕަސަންޓް މީހުންނަކީ ބޭރު ގައުމުތަކުގެ މީހުންނަށް ވާނެ ކަމަށް އެކްސްޕޯ އިންތިޒާމު ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.

ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީ އިސްވެ އޮވެ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާ ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!