ފެލިވަރުގެ މަސް ފެކްޓަރީ. ފެލިވަރު އައިސްޕްލާންޓް ޑިސެމްބަރު މަހު ހުޅުވަން ވަނީ ނިންމައިފައި --- ފޮޓޯ: އަވަސް އާކައިވް

ފެލިވަރު އައިސްޕްލާންޓް ޑިސެމްބަރުގައި ހުޅުވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ފެލިވަރުގައި 50 ޓަނުގެ އިތުރު އައިސްޕްލާންޓެއް ހުޅުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު މިހެން ވިދާޅުވީ ނައިފަރުގައި އައިސްޕްލާންޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލުކުރެއްވުމުން މިއަދު މަޖިލީހަށް ހާޒިރުވެ ފެލިވަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފެލިވަރުގައި 100 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރާނެ ކަމަށާއި އޭގެ ތެރެއިން 50 ޓަނުގެ އައިސް ޕްލާންޓް މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާނެ ކަމަށެވެ.

ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 200 ޓަނު މަސް ފިނިކުރާނެ ބްރައިން ފްރީޒިން އާއި، ދުވާލަކު 80 ޓަނުގެ މަސް ފިނި ކުރާނެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފެލިވަރުގައި މިހާރު ހުރި 550 ކޯލްޑް ވޯޓާ ސްޓޯރޭޖްގެ ބަދަލުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއަށް ކެޕޭސިޓީ އިތުރުކުރާނެ ކަމަށެވެ.

“މި މަޝްރޫއު ނިމުމުން ރައީސް ސޯލިހުގެ މިވެރިކަމުގައި ޖުމްލަކޮށް ރާއްޖޭގެ މަސްވެރިންނަށް ހާއްސަކޮށް ފާދިއްޕޮޅާއި ރާއްޖެގެ އުތުރުގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށާއި މަސްވިއްކުމަށް އިތުރު ފަސޭހަތައް ލިބި އޭގެ ނަފާ ލިބޭނެ. ފެލިވަރާއި ކޫއްޑޫއަށް ރާވާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކޮށް ނިމޭއިރު މަސްވެރިކަމަށް ޒަމާނީ ހެޔޮ އިންގިލާބެއް ގެނެވޭނެ” މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަށްޓަކައި ސަރުކާރުން ގެންދަނީ ކޫއްޑޫ ފެކްޓަރީގެ ސްޓޯރޭޖު ބޮޑު ކުރުމުގެ މަސައްކަތް ވެސް އިތުރުކުރަމުންނެވެ. އެގޮތުން ކޫއްޑޫގައި މިހާރު ހުރި 2000 ޓަނުގެ މަސް ރައްކާކުރާ ސްޓޯރޭޖަށް އިތުރު 4000 ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ކޫއްޑޫ ސްޓޯރޭޖުގެ ކެޕޭސިޓީ ޖުމްލަ 6000 ޓަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑޫ ތަރައްގީ ކުރަން ފަށާ މަޝްރޫއަށް ފައިނޭންސް ކުރަނީ ސައޫދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކް އިންނެވެ. މި މަަޝްރޫއުގެ އަގަކީ 17.5 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން މަސް ރައްކާކޮށް ފިނިކުރެވޭނެ ކާރުހާނާގެ އިތުރުން އިތުރު ފެސިލީޓީތައް ގާއިމް ކުރާނެ އެވެ. މި މަސައްކަތް ކުރަން ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުވެސް ކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!