ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން: ތަޖިކިސްތާނުން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---ފޮޓޯ: އޭއެފްސީ

ތަޖިކިސްތާނުން ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖަހައިފި

އޭއެފްސީ ވުމަންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ އާއި ތަޖިކިސްތާނު ބައްދަލުކުރި މެޗުން ތަޖިކިސްތާނު މޮޅު ވެއްޖެ އެވެ.

ތަޖިކިސްތާނުގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަން މެޗު ތަކުގައި ރާއްޖެ އާއި ތަޖިކިސްތާނު އިއްޔެ ބައްދަލުކުރި މެޗުން ތަޖިކިސްތާނު މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ. މި މެޗަށް ނިކުން އިރު ތަޖިކިސްތާނު އޮތީ ދުނިޔޭގެ ރޭންކިންގެ 135 ވަނައިގަ އެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 144 ވަނައިގަ އެވެ.

ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ބައްދަލުކުރީ ގްރޫޕް ބީގެ ވިއެޓްނާމާ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 16-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވުމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ގްރޫޕް ބީގައި ރާއްޖެ ފިޔަވާ ދެން އޮތީ ތަޖިކިސްތާނާއި ވިއެޓްނާމް އެވެ. މީގެ ކުރިން އަފްގާނިސްތާނު މި ގްރޫޕުގައި އޮތް ނަމަވެސް، އެ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވެ ތާލިބާނުން އަންހެން ޓީމު ކޮލިފިކޭޝަން މެޗުތައް ކުޅެން ހުއްދަ ނުދިނުމުން އަފްގާނިސްތާނު ވަނީ ކޮލިފިކޭޝަން މެޗުތައް ނުކުޅެން ނިންމާފަ އެވެ.

ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާއި ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހްމަދު ޝަރީފް (ޑުންގާ) އެވެ. މުބާރާތަށް ފުރުމުގެ ކުރިން ޑުންގާ ބުނީ މުބާރާތުގައި ނަތީޖާ ނެރުމެކޭ އެއްވަރަށް މުސްތަގުބަލަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިން އެއްގައި އަންހެން ޓީމު ބައިވެރިވާން ނިންމާފައި މިވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އަންހެން ޓީމު ބައިވެރިވެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންހެން ޓީމު ވާދަ ކުރީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ކޮލިފިކޭޝަންގައި ޓީމުން ބައިވެރިވެފައެއް ނުވެ އެވެ. އަނެއްކާ ވެސް 2010 ވަނަ އަހަރު ބައިވެރި ވުމަށްފަހު 2014 އަދި 2016 ގައި ބައިވެރިވެފައެއް ނުވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!