ރައީސް އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: އަވަސް

މޮޅުވި ކެންޑިޑޭޓުންނަށް އިސް ލީޑަރު މަރުހަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް ތަހުނިޔާ އާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ކާމިޔާބު ހޯދި އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދުވެސް ވަނީ މަރުހަބާ ވިދާޅުވިއެވެ. އަދި ޑިމޮކްރެސީގެ ރޫހުގައި މެމްބަރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ވިދާޅުވެފައިވަނީ އެއީ ގައުމަށާއި ޕާޓީއަށް ކޮށްދޭ މަތިވެރި ހިދުމަތެއް ކަމަށެވެ.

އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެމްބަރުންނަށް ވަކިން މަރުހަބާ ދަންނަވާފަ އެވެ.

“ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބް ވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް،” ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހިފައިވާއިރު އިއްޔެގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއީދު ކުރާ މެމްބަރުން ކަމަށް އެ ފެކްޝަނުން ދެކެއެވެ. ނަޝީދުގެ ފެކްޝަނުން ދެކޭ ގޮތުގައި ގައުމީ މަޖިލީހަށް ހޮވިޑައިގަތް މެޖޯރިޓީ މެންބަރުންނަކީ ބަރުލަމާނީ ފިކުރުގެ މެންބަރުންނެވެ.

މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ ގައުމީ މަޖިލީހުގެ އައު ދައުރުންވެސް ފުރުސަތު ހޯއްދަވާފަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފަ އެވެ.

މި އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް ނަޝީދު ތާއީދުކުރައްވާފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުންނަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!