ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުން ބަލިވެވަޑައިގެންނެވި ކަމަށް ގަބޫލްފުޅު ނުކުރައްވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިންތިހާބުގައި ބަލިވި ކަމަށް ގަބޫލެއް ނުކުރަން: އަކްރަމް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުން ބަލިވެވަޑައިގެންނެވި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކޮށް ނާކާމިޔާބުވި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ބާއްވާފައިވާއިރު އިންތިހާބާ ގުޅޭގޮތުން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އަކްރަމް ވިދާޅުވީ އޭނާ ބަލިވެވަޑައިގެންނެވީ އެންމެ 300 ވޯޓުގެ ތަފާތުން ކަމަށެވެ.

އެމްޑީޕީގެ ލީޑާޝިޕާއި، މަޖިލީސް މެންބަރުން އަކްރަމާއި ދެކޮޅަށް ނިކުމެ ވަޑައިގެން އެންޓި ކެމްޕެއިން ކުރެއްވި ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އިންތިހާބުގައި އޭނާއާ ވާދަކުރެއްވި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މޮޅުވީ އެންޓި ކެމްޕެއިން ކުުރުމުގެ ސަބަބުންނެވެ. އެހެންކަމުން ބަލިވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

“ވޯޓު ކަރުދާހަކަށް ބަދަލެއް ނުގެނޭ. އެކަމަކު ވޯޓަށް ވަނީ ނުފޫޒު ފޯރުވާފައި. އެހެންވެ ޝިފާ އަށް ކާމިޔާބު ހޯދުނީ.” އަކްރަމް ވިދާޅުވި އެވެ.

އިއްޔެ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ވޯޓު މަރުކަޒު ތަކުގައި ޝިފާ ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި އެތަން ތަނުގައި ވެސް އަކްރަމާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރި ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ނަމަވެސް އިތުރަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

“މައްސަލަ ޖެއްސިޔަސް އަޅުގަނޑެއް މޮޅެއް ނުވާނެއެއް ނޫންތޯ ދެން،” އަކްރަމް ވިދާޅުވި އެވެ.

އަކްރަމްއާ ވާދަކުރައްވާ ބޮޑު ތަފާތަކުން މާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޝިފާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ.

އެމްޑީޕީން ވަނީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާފަ އެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!