މޫސުން ގޯސް ވުމުން ކަނޑު ގަދަ ވެފައިވާ ދުވަހެއްގައި ލޯންޗެއް ދަތުރު ކުރަނީ: މެޓުން ވަނީ 16 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފަ --- ފޮޓޯ: އަވަސް

މޫސުން ގޯސްވެ 11 އަތޮޅަކަށް އޮރެންޖް އެލާޓް

ރާއްޖެއަށް ކުރާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ 11 އަތޮޅަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އޮރެންޖް އެލާޓް ނެރެފި އެވެ.

އޮރެންޖު އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މޫސުން ގޯސްވެ މި 11 އަތޮޅަށް އޮރެންޖު އެލާޓް ނެރެފައި ވާއިރު މިއަދު 16 އަތޮޅަށް ޔެލޯ އެލާޓް ވަނީ ނެރިފަ އެވެ.

އޮރެންޖް އެލާޓް ނެރިފައިވަނީ މިއަދު މެންދުރު 12:30 އަށެވެ. އަދި ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 11:30 ޖެހުމާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރާ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށްވެސް ސަމާލުވުމަށް އެދިފައިވެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބައެއް ރަށްރަށުގައި ފެންބޮޑުވި ނަމަވެސް ބޮޑު ހާދިސާއެއް އެއްވެސް ރަށެއްގައި ހިނގި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!