އައިޖީއެމްއެޗްގެ މެއިން އޯޕީޑީ / ފޮޓޯ: އައިޝަތު ޝާޒުލީން | ދަ ޕްރެސް

ހުމާއި ރޯގާ ހުރެއްޖެނަމަ ހޮސްޕިޓަލަށް ނުދޭ، އެފްއޭއެމްގައި ހުންނަ ފްލޫ ކްލިނަކަށް ދައްކާ!

މާލޭގައި މި ވަގުތު ވައިރަލް ފީވާ ފެތުރެމުން ދާތީ ހުމާއި ރޯގާގެ އަލާމަތާއެކު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނީ، މި ވަގުތު ހުމާއި ރޯގާ އަދި ކެއްސުން ފަދަ އަލާމާތާ އެކު ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކަށް ހާއްސަ ފްލޫ ކްލިނިކެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހުންނަ ތަނުގައި ގާއިމް ކޮށްފައި ވާ ކަމަށާއި މާދަމާއިން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެހެންކަމުން ހުމާއި ރޯގާ ފަދަ އަލާމްތަތަކާ އެކު ދާ ބަލި މީހުންނަށް ފަރުވާ ދޭނީ އެ ކްލިނިކުން ކަމަށާއި، ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ އަލާމާތްތައް ހުރެއްޖެ ނަމަ އެ ފްލޫ ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ބުނެއެވެ. އެ ކްލިނިކް ހުޅުވާފައި ހުންނާނީ މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭނގަނޑު 10:00 އަށެވެ. އެފަދަ އަލާމާތްތައް ހުރެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ ބަލި މީހުން އެ ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ. މި ދުވަސްވަރު ވައިރަލް ރޯގާއެއް މާލެ ތެރޭގައި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ހޮސްޕިޓަލް ތަކަށް ޑޮކްޓަރަށް ދައްކަން ދާ މީހުން ވެސް މި ދުވަސްވަރު ގިނަ ވެ ބާރު ބޮޑުވެ އެތަނުގައި މަޑު ކުރަން ޖެހޭތީ ބަލި މީހުންގެ ޝަކުވާތައް ވެސް އަންނަނީ އިތުރުވަމުންނެވެ. ވައިރަލް ހުން ފަދަ ބަލިތައް ފެތުރޭ އިރު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ސްކޫލްތައް ހުޅުވައިގެން ކިޔެވުން ކުރިއަށް ދާ މި ދުވަސްވަރު ބަލިވެފައި ތިބޭ ކުދިން ނުވަތަ ރޯގާގެ އަލާމާތް ހުރެ ރަނގަޅު ނުވަނީސް ސްކޫލްތަކަށް ފޮނުވުމަކީ މިދުވަސްވަރު ގިނަ ކުދިންނަށް ބަލި ފެތުރެން ދިމާވާ ކަމެއް ކަމުން މި ކަމަކީ ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!