އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުުލުމަށް ބަޔަކު ކިޔުގައި މަޑުކޮށްލައިގެން -- ފޮޓޯ: އަވަސް

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒު: ނަޝީދު

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒު ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ގައުމިއްޔަތު ބިނާކުރުމުގައި އަނެއްކާ ވެސް ފަހުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް ކަމަށެވެ.

“އެންމެންގެ ބައިވެރިވުމާއި ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒު. ވަރަށް މަރުހަބާ،” ރައީސް ނަޝީދުގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

މިއަދު ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ އެޕާޓީ އުފެއްދި ފަހުން މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އިންތިހާބެވެ. ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ ސިޔާސީ ވާދަވެރިކަން ބޮޑުވެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވެސް ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.

އެމްޑީޕީގެ އިންތިހާބު ކުރިއަށް ދިޔަ ނަމަވެސް މިވަގުތު ނިއުޔޯކުގައި ހުންނެވި ރައީސް ސޯލިހު އިންތިހާބާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވެސް މިއަދު އަވަސް އަށް ވިދާޅުވީ އިންތިހާބާ ގުޅިގެން މިއަދު ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!