މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ބޮން ގޮއްވާލި އަހުމަދު އަދުހަމް ރަޝީދު -- އަވަސް ފޮޓޯ

އަދުހަމްގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދުގެ ޝަރީއަތުގެ ބާކީ ހުރި އަޑުއެހުންތައް ވެސް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު އަވަސްއަށް މިއަދު ވިދާޅުވީ ހަމަލާ ދިން ކަމަށް އަދުހަމް އިއުތިރާފްވެފައިވާތީ އޭނާގެ ޝަރީއަތުގެ ކުރިއަށް ހުރި އަޑުއެހުންތައް ސިއްރުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ އަދުހަމް ކުށަށް އިއުތިރާފްވެފައި އޮތުމާއެކު ދެން އޮންނާނީ އަޑުއެހުންތަކުގައި ކޯޓުގައި އަލުން އިއުތިރާފްވުން ކަމަށެވެ. އަދި އެއަށްފަހު ހުކުމް އިއްވާނެ އެވެ. ނަމަވެސް ހުކުމް ކުރާ މަޖިލިސް ސިއްރުކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތައް ދައުލަތުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގައި އިއްވުމުން އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އޭގެ ފަހުން ޝަރީއަތުގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. އެއީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތައް ޝަރީއަތުގައި ހިއްސާކުރަން ހުރުމުންނެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ލުއި ލިބޭނެ އެވެ. އަދުހަމް ވަނީ 23 އަހަރުގެ ޖަލު ހުކުމަކަށް ދައުލަތާ އެކީ އެއްބަސްވެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ހަ މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

ނަމަވެސް އެ މީހުންގެ ޝަރީއަތް ގެންދަން އަދި ނިންމާފައި އޮތީ ހުޅުވާލައިގެން ކަމަށް ޕީޖީން ބުނެ އެވެ. އެކަމަކު ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ލީކުވުމުގެ ފުރުސަތަު އޮތްނަމަ ޝަރީއަތް ސިއްރުކުރާނެ ކަަމަށް ޕީޖީން ބުނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!