ބާސެލޯނާ އާއި ކަޑިޒް ބައްދަލުކުރި މެޗުގެ ތެރެއިން، މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެން ---ފޮޓޯ: އޭއެސް އިންގްލިޝް

ބާސާއަށް މޮޅެއް ނުލިބި ކޫމަންއަށް ރަތް ކާޑެއް

ލަލީގާގައި ކަޑިޒް އާއި ބާސެލޯނާ ބައްދަލުކުރި މެޗުން މޮޅެއް ނުލިބި އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަންއަށް ރަތް ކާޑެއް ދައްކައިފި އެވެ.

ކަޑިޒްގެ ދަނޑުގައި ބުރާސްފަތި ދުވަހު ބާސެލޯނާ އާއި ކަޑިޒް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ކަޑިޒްގެ އަލްބާޓޮ ޕެރޭއާ ބޫޓުގެ ކުރިން ފޮނުވާލި ނުރައްކާތެރި ހަމަލާ ބާސާގެ ކީޕަރު އަންދްރޭ ޓާ ސްޓޭގެން ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފަ އެވެ. އަދި ސަލްވާރޯ ސަންޗޭޒް ފޮނުވާލި ބޯޅަ ސްޓޭގެން އަތުގައި ޖެހިފައި ބޭރަށް ނިކުތުމުން ސޮބްރީނާ އަލުން އެބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާއި މާ ދުރުންނެވެ.

މީގެ އިތުރުން ބާސެލޯނާގެ ކޮޓީނިއޯ ފޮނުވާލި ހިލޭ ޖެހުން އިދިކޮޅު ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު، މެމްފިސް ޑިޕާއީ ވެސް ވަނީ ގިނަ ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ބާސެލޯނާގެ ފްރެންކީ ޑިޔޯންގް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީންދޫ ކާޑާއި އެކު ރަތް ކާޑު ދެއްކުމުން ބާކީ 25 މިނެޓު އެޓީމުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއި އެކުގަ އެވެ. އަދި މެޗު ނިމެނިކޮށް ކޫމަންއަށް ރަތް ކާޑު ދެއްކީ ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުންނެވެ.

މި ނަތީޖާ އާއި އެކު ބާސެލޯނާ މިހާރު އޮތީ ނުވަ ޕޮއިންޓާއި އެކު ތާވަލުގެ ހަތް ވަނައިގަ އެވެ. ލީގުގައި ބާސެލޯނާ ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އަނެއް ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.

ބާސެލޯނާގެ ނަތީޖާ ދަށްވުމުގެ އިތުރުން އެޓީމު ކުޅެމުން އައި ރީތި ކުޅުން މިހާރު ވަނީ ގެއްލިފަ އެވެ. އަދި ޓީމުގެ މެނޭޖުމެންޓާއި ކޯޗު ކޫމަން އޮތީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. މި ހުރިހާ ކަމަކާއި އެކު ބާސެލޯނާގައި ކޫމަންގެ ކުރިމަގާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!