އިކޮނޮމިކް ޑިޕްލޮމަސީ ދާއިރާއިން ބަންގްލަދޭޝް އާ ގުޅުންބަދަހިކުރުމަށް ރައީސް ސޯލިހު މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ހިމެނެ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ދެޤައުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން، ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ވެސް ހިމެނޭގޮތަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އެ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ޞިއްޙީ މާހިރުންގެ ޓީމެއް ފޮނުވައިދެއްވައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ އެ ޤައުމުގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވެ، މި ބަލީގައި މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޯވިޑް ޕެންޑަމިކްގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ދިވެހި ސަރުކާރަށް އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައުޟޫޢަށް އަލިއަޅުވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންގްލަދޭޝްއާއި ރާއްޖެއަކީ ކްލައިމެޓް އިމަރޖެންސީ އެންމެބޮޑަށް ތަޖުރިބާކުރެވޭ ނާޒުކު ޙާލަތެއްގައިވާ ދެ ޤައުމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ މިހާރުގެ ޗެއާގެ ހައިސިއްޔަތުން ބަންގްލަދޭޝްއިން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފު ކުރައްވާފަ އެވެ. މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހު ގްލަސްގޯގައި ބާއްވާ ކޮޕް-26 ސަމިޓުން އެދެވޭ ނަތީޖާތަކެއް ނެރުމަށް ބަންގްލަދޭޝްއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާކަމުގައި ދެބޭފުޅުންވެސް ވިދާޅުވި އެވެ. އަދި ބޮޑުވަޒީރު ޝައިޚް ޙަސީނާ ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ބަންގްލަދޭޝްއާއި ރާއްޖެއަށްވެސް ނުރައްކަލާ ކުރިމަތިކުރުވާނެ މައްސަލައެއްކަން ފާހަގަކުރައްވައި، އެހެންލީޑަރުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައިވެސް އެކަމާމެދު މަޝްވަރާކުރައްވާނެކަން ހާމަކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރޮހިންޔާ މުސްލިމުންގެ ކަންކަންމުގައި ރާއްޖެއިން ބަންގްލަދޭޝައަށް ތާއީދުކުރާކަން ހާމަ ކުރައްވައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް މެދުވެރިކޮށް ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝް ސަރުކާރާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ އައު ދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އެއަރ ކާރގޯގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރުމަށާއި ވިޔަފާރިއާ ކޮމަރސް އަދި އިކޮނޮމިކް ޑިޕްލޮމަސީ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށްވެސް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!