މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -----

ފައިސާ ޖަމާވުމުން ޔާމީން އިންވެސްޓު ކުރެއްވީ، އެއީ ރައީސަކު ކުރުން މަނާ ކަމެއް: ދައުލަތް

ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ފަހު އޭގެ މަންފާ އެމަނިކުފާނު ހޯއްދެވި ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދައުލަތުން ބުނެފިއެވެ. ދައުލަތުން އެހެން ބުނީ، މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައިއެވެ. އެ މައްސަލައިގައި މިއަދު އޮތީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ. މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ރައީސަކު ކުރެއްވުން މަނާ ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ކުރުމާއި އަމްދަނީ ލިބޭނެ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށެވެ. އަދި އެކަން ގާނޫނޫގައި ބުނެފައިވާ ކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް، އެސްއޯއެފް ކުންފުނިން ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. “އެ ފައިސާ ޖަމާވުމުން 36 މަސް ދުވަހުގެ މުއްދަތަށް އަބްދުﷲ ޔާމީން ވަނީ އެ ފައިސާ އިންވެސްޓްކޮށްފައި،” ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެ ފައިސާ އަކީ ވީ ނުވީއެއް ނޭންގި ގެއްލިފައިވާ ފައިސާއެއް ނޫންކަން ފާހަގަކުރައްވައި، ދައުލަތުގެ ވަކީލު ވިދާޅުވީ މާޗް 14، 2017އިން ފެށިގެން އެ ފައިސާ ހުރީ އިންވެސްޓް ކޮށްފައި ކަމަށެވެ. އެ ފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ރައީސް ޔާމީނާއި އެންޓް ކޮރަޕްޝަން ކޮމިޝާނާ ދެމެދު އެއްބަސްވެފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. “ގާނޫނު އަސާސީގެ 119 ވަނަ މާއްދާގެ ހ. ގައި ވަރަށް ސާފުކޮށް އެބަ ބަޔާންކުރޭ ރައިސުލްޖުމްހޫރިއްޔާގާ މަގާމުގައި ނުވަތަ ނައިބުގެ މަގާމުގައި ހުންނަ މީހަކަށް އާމްދަނީއެއް ލިބޭނެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ އޭ،” ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އެ ފައިސާ އަކީ އޭރު ނައިބް ރައީސްގެ މަގާމުގައި ހުރި އަހްމަދު އަދީބު، ރައީސް ޔާމީނަށް ދެއްވި ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ދެ ފަރާތަކީ ވެސް މަގާމުގެ ހައިސިއްޔަތުން އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއް ކޮށްގެން ވާނެ ފަރާތެއް ނޫން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. “އެއީ ގާނޫނު އަސާސީ ވަރަށް ސާފުކޮށް މަނާކޮށްފައި އޮތް ކަމަކަށް ވާތީ،” ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަމިއްލަ ހައިސިއްޔަތުން ފައިސާ ހޯދުމުގެ އިތުރުން ސިޔާސީ ޕާޓީތަކުން ފައިސާ ހޯދޭނެ ގޮތްތައް ވެސް ގާނޫނޫގައި ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ޕާޓީ ހިންގުމަށް ބައެއް އަމިއްލަ ފަރާތްތަކުންނާއި ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދީފައިވާކަން ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާތީ ދައުލަތުން ވަނީ އެކަމަށް ވެސް ރައްދު ދީފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ ތަފްސީލް އެ ޕާޓީތަކުން ބަލަހައްޓަން ޖެހޭއިރު، ސިއްރު ފަރާތަކުން ފައިސާ ދޭނަމަ އެކަމެއް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭ ކަމަށް ދައުލަތުން ފާހަގަކުރިއެވެ. ނަމަވެސް އެކަން ރައީސް ޔާމީންގެ ޕާޓީން ކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ދިގު އަޑުއެހުންތަކެއް ބޭއްވި ނަމަވެސް ރައީސް ޔާމީންގެ ބަލި ހާލަތު ބަޔާންކޮށް ސިޓީއެއް ފޮނުއްވާފައިވާތީ، އަޑުއެހުންތައް ދިގުކޮށް ކުރިއަށް ނުގެންދަން މައްސަލަ ބައްލަވާ ބެންޗުން އޮތީ ނިންމާފައެވެ. އެއާ އެކު މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި އަޑުއެހުމުގެ މެދު ތެރެއިން 15 މިނެޓްގެ ހުސްވަގުތުކޮޅެއް ދިނުމަށްފަހު، 12:00 ޖެހިއިރު ވަނީ ނިންމާލާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ރައްދު ހުށަހެޅުންތައް ނިންމާލުމުން އެކަމަށް ރައީސް ޔާމީންގެ ފަރާތުން ވާހަކަ ދެއްކުމެވެ. އަދި ދެ ފަރާތުގެ ވާހަކަތައް ނިމުމުން މައްސަލަ ބައްލަވާ ބެންޗުން ސާފުކުރަން ބޭނުންވާ ކަންތައްތަކާއި ގުޅޭ ގޮތުން ދެ ފަރަތާއި ސުވާލު ކުރާނެއެވެ. ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މި މަހުގެ 12ވަނަ ދުވަހުއެވެ. ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. ކަރެކްޝަނަލް ސާވިސް އިން ބުނާ ގޮތުގައި ޔާމީން ގެއަށް ބަދަލު ކުރަން ނިންމީ ޖަލުގައި ކޮވިޑް ފެތުރޭތީއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!