ޔުވެންޓަސް އާއި ސްޕެޒިއާ ކުޅުނު މެޗުގައި ގޯލު ޖެހުމަށް ފަހު ޔުވެންޓަސް ޓީމުން އުފާ ފާޅުކުރަނީ

ޔުވެންޓަސްގެ ފުރަތަމަ މޮޅާއެކު އުންމީދު އާވެއްޖެ

އިޓާލިއަން ލީގުގައި ޔުވެންޓަސްއަށް ފުރަތަމަ މޮޅު ހޯދުމާއެކު އުންމީދު އެ ޓީމަށް އާ ވެއްޖެ އެވެ.

މުބާރާތުގައި މީގެ ކުރިން ޔުވެންޓަސް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު މޮޅު ވެފައެއް ނުވެ އެވެ. އެހެން ކަމުން ރޭގެ މެޗަށް ނުކުތް އިރު ޔުވެންޓަސް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ރޭގެ މޮޅާއެކު ކުޅުނު ފަސް މެޗުން ޔުވެންޓަސްއަށް ވަނީ ފަސް ޕޮއިންޓު ލިބިފަ އެވެ. ދެ މެޗުން ބަލިވެ ދެ މެޗުން އެއްވަރު ވުމުގެ އިތުރުން ރޭ ކުޅުނު މެޗުން މޮޅު ވެގެން މިވަގުތު ޔުވެންޓަސް އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

ސްޕެޒިއާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔުވެންޓަސް ޓީމުންނެވެ.

ޔުވެންޓަސްގެ ފުރަތަމަ ގޯލު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މޮއިސް ކީން އެވެ. އޭރިއާ ބޭރުން ކީން ޖެހި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑިގައި ޖެހިފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެޒިއާގެ އެމަނުއެލް ގިޔާސީ ވަނި ގޯލެއް ޖަހައި ސްޕެޒިއާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި ގޯލާކީ އޭރިއާގެ އަރިމަތިން ދުރު ކަނަށް ފޮނުވާލައިގެން ގިޔާސީ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށުނު ތަނާ ސްޕެޒިއާއިން އިތުރު ގޯލެއް ޖަހައި ލީޑު ނެގި އެވެ. ސްޕެޒިއާއަށް މިގޯލު ކާމިޔާބު ކޮށްދިނީ ޖަނިސް އަންޓިސްޓޭ އެވެ. އެކަމަކު ޔުވެންޓަސް އިން ވަނި އިތުރު ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލާފަ އެވެ. ޔުވެންޓަސްގެ އަނެއް ދެ ގޯލު ޖަހައި ދިނީ ފެޑެރީކޯ ކިއޭސާ އާއި މަތީސް ޑިލައިޓް އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ވެނެޒިއާ އަތުން އޭސީ މިލާން މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. އަދި ސަލަނިޓާނާ އާއި ވެރޯނާ ކުޅުނު މެޗު 2-2 އިން އެއްވަރު ވިއިރު، އެމްޕޮލީ އިން ކަގްލިއާރީ ބަލިކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!